Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ރިޔާސީ ރޭހުގައި ވާދަކުރެވޭ "ލެވެލްގައި" ހުރީ ގާސިމް

ރިޔާސީ ރޭހުގައި ވާދަކުރެވޭ "ލެވެލްގައި" ހުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭޙުގައި ވާދަކުރެވޭ "ލެވެލްގައި" ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށެވެ. އެހެން ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމާއި ނުކުރެއްވުން އޮތީ ގާސިމްގެ އަމިއްލަ ނިންމެވުމެއް ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ޖޭޕީގެ އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ގާސިމްގެ ޒައާމަތަކަށް އެދިއެދި ކަމަށެވެ. ނަމަވެސް ގާސިމް އިންތިހާބަށް ނިކުންނެވުމާ މެދު ގޮތެއް ނިންމާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

"މާދަމާ 12 ޖަހާއިރަށް އަޅުގަނޑު ގަބޫލުކުރަނީ މި ޕާޓީން ނިންމާ ނިންމުމެއް ކޮންމެވެސް ސިފައެއްގައި އެނގިގެންދާން ޖެހޭނެ ކަމަށް." އިލްހާމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ. ޖޭޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.