މާލެ ޖަލު ކައިރީގައި ހަދާފައިވާ ދަރުމަވަންތަ ސްކޫލްގެ ކިޔެވުން ދިރާސީ އާ އަހަރާ އެކީ ފަށަން ހަމަޖެހިފައިވާތީ މާލެ ޖަލު ހުސްކުރަން އަންގައިފި އެވެ.
އެހެންވެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިހާރު އަންނަނީ އެ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރަމުންނެވެ. އެތަނުން ބުނީ ޖަލު ހުސްކުރުމަށް ގައިދީން ބަދަލުކުރެވޭނެ ޖަލުގެ އޮޕްޝަންތައް މިހާރު ބަލަމުން އަންނަ ކަމަށާއި މިހާރު ވިސްނާފައި އޮތީ ހުޅުމާލެ ޖަލުގެ އިތުރުން، މާފުށީ ޖަލަށް ވެސް ކެޕޭސިޓީ އޮތް މިންވަރަކުން ގައިދީން ބަދަލުކުރުން ކަމަށެވެ.
މި އަހަރުގެ ދިރާސީ އަހަރު އޮގަސްޓްގައި ފަށާ އިރު، ދަރުމަވަންތަ ސްކޫލް އާ އިމާރަތަކީ އެއް ސެޝަނަކަށް ކިޔަވައި ދޭނެ 45 ކްލާސް ރޫމްގެ ސްކޫލެކެވެ. އެ ސްކޫލްގައި މިހާރު 635 ދަރިވަރުން ކިޔަވަ އެވެ.