Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޒަރިޔަންދަށް ރޮޒޭގެ ރައްދަކީ "އަމައްޔާތް"

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ޕާޓީ ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ކުރެއްވި ޓްވީޓަކަށް ރޮޒޭ ރައްދު ދެއްވައިފި އެވެ.

ރޮޒޭ ކުލަ ބަދަލުކުރާނެ ކަމަށް ޒަރުޔަންދު ވިދާޅުވީ އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ޝިފާޒް މަގާމުން ވަކިކުރުމާ ގުޅުވައިގެން ރޮޒޭ ވިދާޅުވި އެއްޗަކާ ގުޅުވައިގެން ޒަރިޔަންދު ޓްވީޓް ކުރެއްވުމެވެ. ރޮޒޭގެ އެ ޓްވީޓްގައި ވިދާޅުވީ އިރެއްގައި އެމްޑީޕީގެ ސަރުކާރު ގެންނަން ޝިފާޒް މަސައްކަތް ކުރެއްވިޔަސް މިހާރު ޕާޓީގެ ރިޔާސީ ކެންޑިޓޭޓާއި ރައީސުލްޖުމްހުރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކު ރައީސްގެ ޕޮލިޓިކަލް މިނިސްޓަރެއްގެ ގޮތުގައި ބަހައްޓައިގެން ހުރުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"[އެހެން ނޫނަސް] ޝިފާޒް ވަކިކުރަން ރައީސް ނިންމެވުމަކީ އެމްޑީޕީގެ ޕީޖީގެ ވެސް އެދުމެއް." ރޮޒޭ ވިދާޅުވި އެވެ.

އޭނަގެ އެ ވާހަކަތަކާ ގުޅިގެން ޒަރިޔަންދު ވިދާޅުވީ ރައީސް ސޯލިހަށް ވެރިކަން ގެއްލޭ އިރަށް ރޮޒޭގެ ކުލަ ބަދަލުވާނެ ކަމަށެވެ.

"ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެއީ ނަމޫނާއަކަށް ވެސް ހަދައިގެން އުޅުނުތާ،" އޭނަ ވިދާޅުވި އެވެ. "މާ އެމްޑީޕީވެގެން ބަގުޑިބައްދައިގެން އޮންނަން ބާކީ އޮތީ ހަ މަސް."

ޒަރިޔަންދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ރޮޒޭ ވިދާޅުވީ "އަމައްޔާތް" ކަމަށެވެ.

"ތި ބޭފުޅާ ވާނުވާ ހުއްޓަސް އެމްޑީޕީ މެމްބަރުންނަށް އެނގޭނެ އަޅުގަނޑަކީ އެމްޑީޕީ އަށް ދެހާސް ތޭރައިގައި ވެރިކަން ގެއްލުނު ފަހުން އައިސް މި ތަނަށް ވަން މީހެއް،" އޭނަ ވިދާޅުވި އެވެ. "ތީ ނޫންތޯ ޑިމޮކްރަސީ ދަންނަ ބަޔަކަށްވެގެން ތިބެ އިންތިހާބެއް [މި އަހަރުގެ ރިޔާސީ ޕްރައިމަރީ] ބަލިވީމަ ފަޔަށް ހިނި އަރައިގެން އުޅޭ ބަޔަކީ. #ހަޖަމު ނުވި ޕްރައިމަރީ."

ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސާ ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނަކަށް މަސައްކަތްކުރައްވަމުންނެވެ.