Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ޕްރަބާސް އާއި ކްރިތީގެ ފިލްމު ޖޫންގައި

ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި ކްރިތީ ސެނަންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "އާދިޕުރުޝް" ގެ އާ ތާރީހު އިއުލާންކޮށް، ފިލްމުގެ އާ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުކޮށް، އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ މި ހުރާފީ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ 16 އަށެވެ. "އާދިޕުރުޝް'"ގެ ޓީޒާއެއް މިދިޔަ އަހަރު ދައްކައިލުމުން އޭގެ ވީއެފްއެކްސްގެ ފެންވަރު ދަށްކަމުން، އަދި ޓީޒާ އިން ފެންނަ ގޮތުގައި މިއީ އާދައިގެ އެނިމޭޓެޑް ފިލްމެއްހާ ފެންވަރު ދަށްވާނެ އެއްޗެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔައި، ޖޯކު ވެސް ޖަހާފައިވެ އެވެ.

އެެހެންވެ އެކަމާ ގުޅިގެން ވީއެފްއެކްސްގެ ފެންވަރު ރަނގަޅުކޮށް، ބެލުންތެރިން އުންމީދުކުރާ ވަރުގެ މޮޅު ފިލްމަކަށް "އާދިޕުރުޝް" ހެދުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށްކޮށްފައިވެ އެވެ.

ޖުމްލަ 550 ކްރޯޑް ރުޕީސް (67 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަކީ އަޖޭ ދޭވްގަނާ އެކީ އޯމް 2010 ގައި ގެނެސްދިން ކާމިޔާބު ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އަށް ފަހު ގެނެސްދޭނެ ފުރަތަމަ ފިލްމެވެ.

"އާދިޕުރުޝް" ގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ސަނީ ސިންގް އާއި ވަތުސަލް ސޭތުގެ އިތުރުން ސޮނާލް ޗޯހަން ވެސް ހިމެނެ އެވެ.