Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ވަލީދާ ވެސް ޖޭޕީއާ ފެއަށް

މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ޖޭޕީން ބޭއްވި ޖަލްސާގައި ވަލީދާ.

އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ފެއަށް ޖެހި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ މަގާމުގައި ތިބި އެ ޕާޓީގެ ބައެއް މީހުން ޖޭޕީއާ ވަކިވާން ފަށާފައި ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ތާއީދު ނުކޮށް، ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެންނެވެ.

ވަލީދާ ބުނެފައި ވަނީ އޭނަ ޖޭޕީއާ ފެއަށް ޖެހި، ރައީސަށް ތާއީދުކުރަން ނިންމީ ރައީސްގެ ސިޔާސުތަކަށް ތާއީދުކުރާތީ ކަމަށާއި ރައީސަށް ދެވަނަ ދައުރެއް ދޭން ވެސް ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އޭނަ ބުނި ގޮތުގައި އަމިއްލަ އެ ނިންމުމަކީ އެއްގޮތަކަށް ވެސް މަގާމެއްގެ ބޭނުމުގައި ނިންމި ނިންމުމެއް ނޫނެވެ.

ވަލީދާ އަކީ ދެ ދައުރަކަށް ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސްކަން ވެސް ކޮށްފައިވާ މީހެކެވެ.

އެ ޕާޓީގައި މިހާތަނަށް ވަރަށް ހަރަކާތްތެރިކޮށް އުޅުނު ވަލީދާ ޕާޓީ ދޫކޮށްލަން ނިންމި އިރު، ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ މިދިޔަ އަހަރު ޖޭޕީ އަށް ސޮއިކުރިތާ ދެ މަހެއްހާ ދުވަސް ފަހުން އެ ޕާޓީން ވަކިވެ، އެމްޑީޕީ އަށް ސޮއިކޮށްފައިވެ އެވެ. އަދި ނިޝާ އަކީ ވެސް ރައީސަށް ތާއީދުކުރާ މީހެކެވެ.

ނިޝާ އާއި ވަލީދާ އަކީ ވެސް 90 ގެ ތެރޭގައި ރާއްޖޭގައި ވަރަށް ވިދި ދެ ބަތަލާއިންނެވެ. އަދި ވަލީދާ އަކީ އޭނަގެ ނެށުމުގެ ހުނަރާ އެކީ، މަގުބޫލު އެތައް ވީޑިއޯ ލަވައެއް ވެސް ކުޅުނު ފަންނާނެކެވެ.