Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޤާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވަނީ މާޗް 16 ވަނަ ދުވަހުއެވެ. އެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު، އެ މަގާމަށް ޤާސިމް ކުރިމަތި ލައްވާފައިވަނީ އެންމެ ފަހުވަގުތުގައެވެ.

ޖޭޕީގެ ސެކްރަޓަރީ ޖެނެރަލް އަލީ އާރިފަށް ފޮނުވި ސިޓީގައި ޤާސިމް ވިދާޅުވެފައިވަނީ، މި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މުއްދަތު ހަމަވުމުގެ އެންމެ ފަހު ވަގުތާ ހަމައަށް ދިޔައިރުވެސް އެއްވެސް ބޭފުޅަކު ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައި ނުވާކަމަށެވެ.

އެހެންކަމުން ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުރި މީހަކީ އޭނާކަމަށްވުމުން، ޕާޓީން އެދޭގޮތް ހާސިލުކުރުމަށްޓަކައި، ޖޭޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާކަމަށް ޤާސިމްގެ ސިޓީގައި ބުނެފައިވެއެވެ.

ޤާސިމްގެ އިތުރުން މި ޕްރައިމަރީއަށް އިތުރު އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައެއް ނުވެއެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއެކު ޖޭޕީން އަންނަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރެވޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލީޝަން ހަދާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއިން އަދިވެސް ރިޔާސީ އިންތިހާބާމެދު ވަކިގޮތެއް ނުނިންމައެވެ. އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.