Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ގައިދީންނަށް ޤުރުއާން މުބާރާތެއް ފަށައިފި

ކ. މާފުށީ ޖަލުގެ ގައުދީންނަށް ހާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވާކްގައި ބައިވެރިވެފައިވާ ޤައިދީންނަށް ބާއްވާ މި މުބާރާތް އިފްތިތާހްކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 3 އަށް ކުރިއަށްދާ މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ބައިވެރިވެފައިވެ އެވެ. މިއީ މިފަދަ ފުރަތަމަ މުބާރާތެވެ.

މުބާރާތުގައި ބަލައިގެން ކިޔުމުން އަންހެން ފިރިހެންނުންގެ ތެރެއިން ވަކިން އެންމެ މޮޅު ތިން ވަނަ ހޮވައި، ދެ ބައި އެއްކޮށްލާ އެންމެ މޮޅު ދިހަ ބައިވެރިން ހޮވާނެ އެވެ. އަދި އޭގެ ތެރެއިން މުޅި މުބާރާތުގެ އެންމެ މޮޅު ތިން ކިއުންތެރިން ހޮވާނެ އެވެ.

ވަނަ ތައް ހާޞިލުކުރާ ބައިވެރިންނަށް ރަން، ރިހި އަދި ލޯ މެޑަލް އާއި ސެޓްފިކެޓް ދޭނެ އެވެ. މުޅި މުބާރާތުން އެންމެ މޮޅު ތިން ވަނަ ލިބޭ ބައިވެރިންނަށް މެޑަލް އާއި ސެޓްފިކެޓްގެ އިތުރުން ޕްލާކްއެއް ލިބޭނެ އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ ބައިވެރިންނަށް ގިފްޓް ޕެކެއް ދެވޭނެ އެވެ.

ގައިދީންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ އެ މީހުންގެ ހިތުގައި ކީރީތި ޤުރްއާނަށް ލޯބި އިތުރުކޮށް، އިސްލާމީ އަގީދާ ހަރުދަނާކޮށް ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެއއް ދިނުމެވެ.