Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ހަންކެޑެ މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އިންޓަގްރޭޓް ޓޫރިޒަމްގެ ދަށން ތަރައްގީކުރާ އެ ޕްރޮޖެކްޓް ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ. ހަންކެޑެ އަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެމްސީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. ލިންކް ރޯޑުން މަރަދުއާ ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ ޑިސެމްބަރު 2، 2021 ގަ އެވެ.

ޓޫރިޒަމަށް ހާއްސަކޮށްގެން ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކުރުމަށްޓަކައި އެ ސަރަހައްދުން މިހާރު އަންނަނީ އިތުރު ބްރިޖެއް އަޅައި މަރަދޫގެ ބޮޑު މަގާ ދިމާލުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ އެފްކޮންސް އިން ކުރިއަށް ގެންދާ އެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު ވެސް އޮތީ ނިމިފަ އެވެ.

ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކުރި އެތަނުގެ ކޮންސެޕްޓް ޑިޒައިން އެމްއެމްސީން ޖެނުއަރީ މަހުގެ ތެރޭގައި ދައްކާލާފައިވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު އަމާޒަކީ ހަންކެޑެއާ އެކީ އައްޑޫގެ ބެޑް ކެޕޭސިޓީ 6،000 އަށް އިތުރުކުރުމެވެ.