Last Updated: July 25, 13:25
Saturday, July 25, 2026
ޚަބަރު

ޓޫރިޒަމްގެ ކުދި ވިޔަފާރިތަކަށް 25 މިލިއަން ރުފިޔާ

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިން އެހީތެރިކަމުގެ ތެރެއިން މިހާތަނަށް 25.3 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ޚާއްސަކުރެވިފައިވާ އެހީއެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

މިގޮތުން އެހީ ދޫކޮށްފައިވަނީ 406 ގެސްޓް ހައުސް އަދި ސަފާރީ އުޅަނދަށް ކަމަށް އެމްއެފްއެމްސީން ބުނެ އެވެ. މިއެހީ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތެރިވާ ކުދި، %100 ދިވެހި ވިޔަފާރިތަކަށެވެ.

މިއެހީއަކީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެހީވުމުގެ މަޤްސަދުގައި ދީފައިވާ އެހީއެކެވެ.

އީޔޫން މި ޕްރޮޖެކްޓަށް ޖުމްލަ 2 މިލިއަން ޔޫރޯ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1.4 މިލިއަން ޔޫރޯއެވެ. ބާކީ 600،000 ޔޫރޯ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަށް ހިންގުމަށެވެ.