Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ބީބާ މިއުޒިކް ކުޅުން ހުއްޓާލަނީ؟

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މިއުޒިކުން ރިޓަޔާކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަގެ ގާތް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަމިއްލަ މިއުޒިކް ކެޓަލޮގް 200 މިލިއަން ޑޮލަރަށް ވިއްކާލައި ބީބާ ބޭނުން ވަނީ މިއުޒިކާ ދުރުވުމަށް ފަހު، އޭނަގެ ސިއްހަތާއި ކައިވެނީގެ ހަޔާތަށް އެއްކޮށް ހުސްވާށެވެ. މޮޑެލް ހެއިލީ ބޯލްޑްވިންއާ 2018 ގައި ކައިވެނިކުރި ބީބާ އަށް މިދިޔަ އަހަރު މޫނުގެ އެއްފަޅިން ވާގި ނެތުމުގެ މައްސަލަ ވެސް ދިމާވި އެވެ.

އެކަމާ ހެދި އޭރު އޭނަ ފަށާފައި އޮތް "ޖަސްޓިސް ވޯލްޑް ޓުއާ" ވެސް މެދުކަނޑާލަން ޖެހުނެވެ.

ބީބާގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނަ އަށް މިހާރު ވާ ވަރަށް މިއުޒިކްގެ ތެރޭގައި އުޅެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންވެ ދެން މިއުޒިކްގެ ޕްރެޝަރު ތެރޭގައި އުޅެން ބޭނުން ނުވާ ކަމަށެވެ. އެހެންވެ އެކަމާ ދުރުވުމަށް ފަހު އަމިއްލަ ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ދޭންވާ ސަމާލުކަން ދޭން ބީބާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ވަރަށް ޅަ އުމުރުގައި މަޝްހޫރުކަން ހޯދި މިހާރު އުމުރުން 29 އަހަރުގެ ބީބާ މިހާތަނަށް ހަ އަލްބަމް ނެރެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2021 ގެ "ޖަސްޓިސް" އެވެ.