އައްޑޫސިޓީ ހަންކެޑެ އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެންވެސް ފަތުރުވެރިކަމަށް ތަރައްޤީ ކުރަން ކިޔަމުން އައި ތަނެކެވެ. ހަންކެޑެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރުމުގެ ވާހަކަ އަކީ އައްޑޫ ރައްޔިތުން ކޮންމެ ރިޔާސީ އިންތިހާބަކަށް ވެސް އަޑުއަހައި އެކަން ހަޤީގަތަކަށް ވެދޭނަ ކަމުގެ ޔަޤީންކަން ގެއްލިފައިވާ މަޝްރޫޢުއެކެވެ. އަނެއްކާވެސް މިއަދުވެސް ރައްޔިތުންގެ އުއްމީދު ތަކުގައި ކުލަ ޖެއްސުމުގެ މަސައްކަތް މިއަދުގެ ސަރުކާރުން މިވަނީ ފަށާފައެވެ.
މިފަހަރު ދައްކާލި ކުރެހުންތައް މާ ފުރިހަމައެވެ. ކޮންސެޕްޓްވެސް ގޯހެއް ނޫނެވެ. ރަނގަޅަށް ކުރިއަށް ގޮސްފިނަމަ އައްޑޫގެ ފަތުރުވެރިކަމަށް އެއްފަހަރާ 2000 އަށް ވުރެ ގިނަ އެނދު ނެރެވިދާނެ ބޮޑު މަޝްރޫޢުއެކެވެ. މިމަޝްރޫޢު ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ މި ސަރުކާރުގެ ގިނަ މަޝްރޫޢުތައް ހަވާލުކުރާ އިންޑީއާއަށް ނިސްބަތްވާ ކުންފުންޏަކާއި ނޫނެވެ. ޗައިނާ ކުންފުންޏަކާއެވެ. މަޝްރުޢޫ ކަމިޔާބު މަޝްރުޢޫއަކަށް ހެދުމަށް ހަންކެޑެ ވަކި ކުރުމަށް ބްރިޖެއްވެސް އެބަ އަޅައެވެ.

މިހުރިހާ ކަމެއް ކުރިއަށްދާއިރު ރައްޔިތުންގެ ކެތް މަދުވެފައި ތިބީ، ޢަމަލީ މަސައްކަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އައްޑޫގެ ފަތުރުވެރިކަން އުދުހުމަށް ފިޔަޖަހައިގަންނަ އިރު މިއީ އެ ފިޔައަށް ވެގެންދާނެއެވެ.
އައްޑޫގެ ފަތުރުވެރިކަމަށް 2000 އެނދު ނެރުމުގެ މަޝްރޫޢެއް
އިންޓަގްރޭޓް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ހަންކެޑެ ތަރައްޤީ ކުރުމަށް ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ. މިއީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) ގެ ދަށުން ކުރިއަށް ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް ޗައިނާއިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ސަރުކާރުން ހިންގާ މިމަޝްރޫޢުގެ ދަށުން ހަންކެޑެގައި 2082 އެނދު ތަރައްޤީ ކުރާނެކަމަށް އެމްއެފްއެމްސީއިން ހާމަކުރެއެވެ. މިމަޝްރުޢޫގެ ތެރެއިން 14 ހޮޓަލް ޤާއިމް ކުރާނެއެވެ. އެއީ 2 ގްރޭންޑް ހޮޓަލާއި، 2 ޑިލަކްސް ހޮޓަލް އަދި 10 ބުޓީކް ހޮޓަލެވެ. މީގެ އިތުރުން 17 ބީޗް ވިލާ ތަރައްޤީކުރާނެއެވެ. އަދި 64 ސާވިސްޑް އެޕާޓްމެންޓުގެ އިތުރުން ޝޮޕިންގް އޭރިއާތައް މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރާނެއެވެ.
މީގެ އިތުރުން ވޯޓަރ ޕާކަކާއި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ތަފާތު ވަސީލަތްތައް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓުގެ ތެރޭގައި ނޮލެޖް ސެންޓަރ، މިކްސްޑް ސްޕޯޓްސް ބިލްޑިންގް، އައުޓްޑޯ ބީޗް ސްޕޯޓްސް ކުޅޭނެ ވަސީލަތްތަކާއި، ތީއެޓަރ ފަދަ ރެކްރިއޭޝަނަލް ޚިދުމަތްތަކާއި، ފުޑް ކޯޓާއި ތަފާތު ރެސްޓޯރެންޓް އަދި ފިހާރަތަށް ހިމެނޭގޮތަށް މިމަޝްރޫޢު ވަނީ ފަރުމާކުރެވިފައެވެ.
" މިއީ އައްޑޫގެ ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއް "
މިއީ މިމަޝްރޫޢުއާއި މެދު ސަރުކާރުގެ ވިސްނުމެވެ. ހަޤީޤަތުގައިވެސް މިމަޝްރޫޢު ކުރިއަށް ގޮސް ނިމޭއިރު އިންޤީލާބީ ބޮޑު ބަދަލެއް ގެނުވާނެއެވެ. މިމަޝްރުޢޫގެ ކާމިޔާބީއަށް ސަރުކާރުން ގިނަ މަސައްކަތަކެއް މިހާރުވެސް އެބަކުރެއެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީވުމަކީ މިމަޝްރޫޢުގެ ކާމިޔާބީއަށް ނުހަނު ބޭނުންވެފައިވާ ކަމެކެވެ. އަދި މިވަގުތު އައްޑޫއަށް ޢުމްރާނީ ގޮތުން ގެންނަމުންދާ ތަރައްޤީގެ ސަބަބުން އައްޑޫގެ ޢިޤްތިޞާދީ މަލަމަތި އެއްކޮށް ބަދަލުވެގެން ދާނެ ކަމަށް ސަރުކާރުން ދެކެވެ.

މިއީ ހަމައެކަނި ސަރުކާރަށް މަންފާވާނެ ތަރައްޤީއެއް ނޫނެވެ. މިއީ ސީދާގޮތުންނާއި ނުސީދާ ގޮތުން، އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އެތައް ހާސް ވަޒީފައެއް އުފެދި ސަރުކާރުގެ ވިސްނުމުގައި އޮތް އިޤްތިޞާދީ ހަބަކަށް އައްޑޫ ބަދަލު ކުރުމަށް މަގުފަހިވާނެ މަޝްރޫޢެކެވެ. މިއާއެކު ކުދި އަދި މެދު ފަންތީގެ އެތަކެއް ވިޔަފާރިތަކަށް މިކަމުގެ ފައިދާކޮށް، އެ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބިގެން ދާނެއެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ އައްޑޫ ތަޞައްވަރެވެ. ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ފެންނަން އޮތް ހަޤީޤަތަކީ މި ސަރުކާރުން ކުރިއަށް ގެންދާ ވަރަށް މަޝްރޫޢު މީގެ ކުރިން އެއްވެސް ސަރުކާރަކުން އައްޑޫގައި ކުރިއަށް ނުގެންދާ ކަމެވެ. އައްޑޫ ތަރައްޤީ ކުރަން އެއްވެސް ބަޔަކު މިވަރަކުން ނުޅޭ ކަމެވެ.