Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

ރިޝްވަތު ނެގި އެޗްޑީސީ މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

އެޗްޑީސީ މައި އޮފީސް، ހުޅުމާލެ / ފޮޓޯ: އައްޑޫލައިވް

އޮޅުވާލައިގެން ބިމެއް ވިއްކަން މަސައްކަތް ކުރި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މުވައްޒަފު ބުދަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނުގެ ކަމުގެ މައްސަލަ ފެންމަތިވީ މިމަހުގެ މެދެއްހާ ތަނުގައެވެ. އޭރު އެޗްޑީސީގެ މުވައްޒަފަކު އޮޅުވާލައިގެން ބިމެއް ވިއްކާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ދައުރުވިއެވެ. ނަމަވެސް ކަން ހިނގާފައިވާގޮތް ސާފުކޮށްދެމުން އެޗްޑީސީން ބުނެފައިވަނީ މުވައްޒަފު ބިން ވިއްކާފައި ނުވާ ކަމަށާއި، ހިންގާފައިވަނީ ރިޝްވަތުގެ އަމަލެއް ކަމަށެވެ.

އެގޮތުން ކަސްޓަމަރަށް އޮޅުވާލައިގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން ފާހަގަވެގެން މިމައްސަލަ ތަހުޤީޤު ވަގުތުން އެކުންފުނިން ފަށައި، އެ މުވައްޒަފު ވަނީ އޭރު ސަސްޕެންޑު ކޮށްފައެވެ. އެޗްޑީސީން މިމައްސަލަ ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުވައްޒަފު އޮޅުވާލައިގެން ފައިސާ ނެގި ތިލަފުށިން ބިމެއް ވިއްކަން ވެގެންނެވެ.

އެކުންފުނިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ އުސޫލުތައް ހެދިފައިވާ ގޮތުން ބިމެއް އިއުލާން ކުރުމަކާއި ނުލައި އެއްވެސް ފަރާތަކަށް ނުވިއްކޭނެއެވެ. އަދި ބިޑް ޕޯޓަލްގައި ރެޖިސްޓްރީ ނުކޮށް އެއްވެސް ބިމެއް ވިއްކާނުލާނެ ކަމާށައި، އެއްވެސް މުޢާމަލާތެއް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓު މެދުވެރިކޮށް އެކުންފުނިން ނުކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިމައްސަލާގައި ޝާމިލްވާ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާއިރު، މިކަމުގައި އެހެން މުވައްޒަފެއްގެ ޝާމިލްވުން އޮތް ކަމެއް ނުވަތަ ނެތް ކަމެއްވެސް އެކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.