ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 ދިވެއްސަކަށް އާބާދީގައި ބިދޭސީއެއް އުޅޭ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ދިވެހި ރާއްޖޭގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ އާބާދީގެ ތަފާސް ހިސާބަށް ބަލާއިރު ދިވެހިރާއްޖޭގައި ޖުމްލަ 515،122 މީހުން ދިރިއުޅެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިންގެ އާބާދީ އެއްކޮށްގެން އަންނަ މިންވަރެވެ. ދިވެހިންގެ އާބާދީއަކީ 382،751 މީހުންނެވެ. ބިދޭސީންގެ އާބާދީގައި ހިމެނެނީ 132،371 މީހުންނެވެ. މިއާއެކު ޖުމްލަ އާބާދީގެ 26 އިންސައްތައަކީ ބިދޭސީންނެވެ. އަދި ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ދިވެހި ރާއްޖޭގައި ދިރިއުޅެމުން ދެއެވެ.
އާބާދީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އާބާދީގެ ބޮޑުބައެއް މާލޭގައި ދިރިއުޅެއެވެ. އެގޮތުން މާލޭގައި 212،138 މީހުން ދިރިއުޅޭއިރު، މީގެ ތެރެއިން 161،108 މީހުންނަކީ ދިވެހިންނެވެ. މާލޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ 51،030 މީހުންނެވެ. މާލެ ފިޔަވައި އަތޮޅުތެރޭގައި، 236،747 މީހުން ދިރިއުޅެމުންދެއެވެ. މީގެ ތެރެއިން 204،277 މީހުންނަކީ ދިވެހިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އާބާދީގެ ބާކީ އުޅެނީ ރިސޯޓުތަކުގައި އާއި ސިނާޢީ ރައްތަކުގައެވެ.

މިއާއެކު ޖުމްލަ އާބާދީގެ 41 އިންސައްތަ މާލޭގައި ދިރިއުޅޭއިރު، 46 އިންސައްތަ ދިރިއުޅެނީ އަތޮޅުތެރޭގައެވެ. ނަމަވެސް އެންމެ ފަހުން ނެގި 3 ބޯހިމެނުމަށް ބަލާއިރު މި ފަރަޤު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުންނެވެ. އެގޮތުން 2000 ވަނަ އަހަރު އާބާދީގެ 73 އިންސައްތަ އަތޮޅު ތެރޭގައި އުޅުނުއިރު، 2006 ވަނަ އަހަރު މިއަދަދު ވަނީ 65 އިންސައްތައަށް ދަށްވެފައެވެ. އަދި 2014 ވަނަ އަހަރު 61 އިންސައްތައިގައި މި ފަރަޤު ހުރިނަމަވެސް މިފަހަރުގެ ބޯހިމެނުމުން މި ފަރަޤު 2 59 އިންސައްތައަށް ތިރިވެފައެވެ.
މާލެ ފިޔަވައި ރާއްޖޭގައި އަދިވެސް އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫސިޓީގައެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ނިސްބަތުން 5 އިންސައްތަ އައްޑޫގައި ދިރިއުޅެެވެ. އެއީ 25،053 މީހުންނެވެ. މިއީ އައްޑޫގައި ރެޖިސްޓްރީ އާބާދީއެއް ނޫނެވެ. މިއީ އައްޑޫގައި ދިރިއުޅޭތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންގެ އާބާދީއެވެ. މީގެ ތެރޭގައި ބިދޭސީންވެސް ހިމެނެއެވެ. ދެން އެންމެ ގިނަ ބަޔަކު އުޅެނީ ހދ. އަތޮޅުގައެވެ. އެއީ 22،534 މީހުންނެވެ.

ރާއްޖޭގެ އެއް ރަށެއްގައި އެންމެ ގިނަ މީހުން ދިރިއުޅެނީ އައްޑޫސިޓީ ހިތަދޫގައެވެ. އޭއީ 11،070 ދިވެހިންނާއި 2،675 ބިދޭސީންނެވެ. ދެން އެންމެ ގިނަ ބަޔަކު އުޅެނީ އެންމެ ފަހުން ސިޓީއެއް ދަރަޖަ ލިބުނު ހދ. ކުޅުދުއްފުށީގައެވެ. ރާއްޖޭގެ އެންމެން މަދުން މީހުން އުޅެނީ ވ. ރަކީދޫގައެވެ. އެރަށުގައި އުޅެނީ 63 ދިވެހިންނާއި 14 ބިދޭސީންނެވެ.
ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން 500 އަށް ވުރެ މަދުން މީހުން އުޅޭ 40 ރަށް އެބައޮތެވެ. އަދި 10،000 އަށް ވުރެ ބޮޑު އާބާދީއެއް އޮތީ އެންމެ 3 ރަށުގައެވެ. ބާކީ ހުރި ރައްތަކަށް ބަލާއިރު 72 ރަށުގެ އާބާދީ އުޅެނީ 500-1000 ދެމެދުގައެވެ. އަދި 1000-5000 ދެމެދުގައި އާބާދީއެއް އުޅެނީ 70 ރަށުގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނާ ގޮތުގައި، ރާއްޖޭގެ އާބާދީ 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ފަހު އިތުރުވެފައިވަނީ އަހަރު 1.5 އިންސައްތައިގައެވެ. އަދި އާބާދީގެ 5 އިންސައްތައަކީ 65 އަހަރު ވެފައިވާ މީހުންނެވެ. އާބާދީގެ ބޮޑު ބައެއް ނުވަތަ 69 އިންސައްތަ އަކީ 15 އަހަރާއި 64 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންނެވެ.