އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.
ޓްރަމްޕް ،76، ގެ މައްޗަށް ދައުވާ އުފުލީ ބަރަހަނާ ފިލްމު ކުޅުމަށް މަޝްހޫރު ސްޓޯމީ ޑެނިއެލްސްއާ އެކު ބޭއްވި ގުޅުން ސިއްރުކުރަން ފައިސާ ދިން ކަމަށް ތުހުމަތު ކުރާ މައްސަލައިގަ އެވެ. ޑެނިއެލްސް ވަނީ 2016 ގެ އިންތިހާބާ ދިމާކޮށް، ޓްރަމްޕާއެކު ބޭއްވި ގުޅުންތަކުގެ ވާހަކަ ސިއްރުކުރަން ޓްރަމްޕްގެ ފަރާތުން އޭނާގެ ކުރީގެ ވަކީލު މައިކަލް ކޯހެން އޭނާއަށް 130،000 ޑޮލަރު ދިން ކަމަށެވެ. ކޯހެން ވަނީ ފަހުން ޑެނިއަލްސް ދެއްކީ ތެދު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕަށް އުފުލި ދައުވާތަކުގެ ތަފްސީލު އަދި އާންމުކޮށްފައި ނުވާއިރު ޓްރަމްޕަކީ އެމެރިކާގައި ޖިނާއީ މައްސަލައެއް ކުރިމަތިވި ފުރަތަމަ ކުރީގެ ރައީސެވެ. މި ދައުވާތަކާ ގުޅިގެން އަންނަ ހަފްތާގައި ޓްރަމްޕް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޓްރަމްޕް ވަނީ މިއީ ސިޔާސީ ދައުވާތަކެއް ކަމަށާއި މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް ކުށެއް އޭނާ ނުކުރާ ކަމަށާއި ދައުވާތައް އުފުލީ މައުސޫމް މީހެއްގެ މައްޗަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ޓްރަމްޕްއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ދަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ. އޭގެތެރޭގައި 2021 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސް އިމާރާތަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމުގައި އޭނާ އަދާކުރި ރޯލާއި ގުޅޭ މައްސަލަ ހިމެނެ އެވެ.