އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ 5 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. "އައީ ކޮންތާކުން؟ ދާނީ ކޮންތާކަށް؟" މި މައުޟޫޢަށް ރޭ އޮތް ފޯރަމްގައި ތަޤްރީރުކުރެއްވީ ހޯމް މިނިސްޓަރުގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.
މި ފޯރަމްގައި އިމްރާން ވަނީ އިންސާނާ ދުނިޔެއަށް އުފަންވުމަށް ކުރާ ދަތުރުން ފެށިގެން އުފަންވުމާއި، އުފަންވުމަށްފަހު މަރުވުމާ ހަމައަށް އިންސާނާގެ އުމުރުގެ އެކި ހިސާބުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވައި މަރާއި، މަރުވުމަށްފަހު ދެން އިންސާނާގެ އެ ޙަޔާތް ފެށިގެންދާގޮތާއި ސުވަރުގެ ނޫނީ ނަރަކައަށް އިންސާނާ ދިއުމާހަމައަށް ތަސައްވުރުކުރެވެނޭހެން އަލިއަޅުއްވާ ލައްވާފަ އެވެ.
1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމްގެ ތެރެއިން.
ފޯރަމްގައި ތަޤްރީރު ކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އަދި އައްޝައިޚް ޢަބްދުﷲ ރަޝީދު.#އޙްޔާ#Rodha44#MVIaffairs pic.twitter.com/mjCQsTKGLQ— Ministry of Islamic Affairs (@MVIaffairs) March 30, 2023
ވަރަށް މަދު މިނެޓްކޮޅެއްގެ ތެރޭގައި އިންސާނާގެ މުޅި ހަޔާތް ތަސައްވުރުކޮށްދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ އަޅުގަނޑުމެންގެ އުމުރުގެ ކުރުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އުމުރަކީ ވަރަށް ކުރު ދަތުރެއް ކަމަށެވެ.
އެހެން ނަމަވެސް އިންސާނާއަށް ފެންނަނީ ދުނިޔެއަކީ ހުރިހާވެސް އެއްޗެއްގެ ގޮތުގައި ކަމަށާއި މާތްﷲ އަޅުގަނޑުމެންނަަށް ދެއްވާފައިވާ މި ޙަޔާތުގައި އުޅެމުންދަނީ ޙަޔާތުގެ އަސްލު ހަނދާން ނައްތާލާފައި ކަމަށް އިމްރާން ވިދާޅުވި އެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުﷲ ރަޝީދު ވެސް ވަނީ އިންސާނާ އުފެދިގެން އައި ހިސާބުން ފެށިގެން މަރުވުމަށްފަހު ކަންތައް ވާގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފަ އެވެ.
އެގޮތުން މަރާގުޅޭ ގޮތުން ވިދާޅުވީ ކަށްވަޅުގެ އިމްތިހާނަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ. އިންސާނުން ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިއުއްވިގެންވާ ފަތް އެމީހެއްގެ އަތަށް ލިބިގެންދާ ހިނދު ކަންތައް ވެގެންދާގޮތަށް ވެސް ޝައިޚް ވަނީ ބައްލަވާ ލައްވާފަ އެވެ. ކޮންމެ ނަފްސެއްވެސް ކުޅަ އަމަލެއްގެ ޖަޒާ އެ ނަފްސަކަށް ލިބޭނެ ކަމަށް ޝައިޚް ވިދާޅުވި އެވެ.