Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ދެން އޮތް އެންމެ ވަރުގަދަ ފިލްމަކީ "ދުންކީ"

އިންޑިއާ އިން ދެން ބެލުންތެރިންނަށް ގެނެސްދޭން އޮތް އެންމެ ވަރުގަދަ ފިލްމަކީ މި އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާންގެ "ދުންކީ" ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު މަހާވީރު ޖެއިން ބުނެފި އެވެ.

"3 އިޑިއަޓްސް" އާއި "ޕީކޭ" ގެ އިތުރުން "ސަންޖޫ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ސޯޝަލް ކޮމެޑީއާ ބެހޭ ގޮތުން ޕިންކްވިލާގައި ވާހަކަ ދައްކަމުން މަހާވީރު ބުނީ "ދުންކީ" އަކީ ބެލުންތެރިން ވަރަށް ހީނުކުރާ ކަހަލަ ފިލްމަކަށް ވާނެ ކަމަށެވެ.

ހިރާނީ އަށް ތައުރީފުކޮށް މަހާވީރު ބުނީ އޭނަ އަކީ ވާހަކަ ކިޔައި ދިނުމުގައި ވަރަށް މޮޅު، އެހާމެ ވިސްނުންތެރި ޑައިރެކްޓަރެއް ކަމަށެވެ.

"ދެން އެންމެ އަވަހަށް ބައިނަލްއަގުވާމީ އޯޑިއަންސް ވެސް އެ ފިލްމުގެ އަވާގައި ޖެހޭނެ ފިލްމެއް ކަމަށް އަހަރެން ގަބޫލުރަނީ ދުންކީ. މިއީ ވަރަށް ފުރިހަމަ، މޮޅު ފިލްމަކަށް ވާނެ." މަހާވީރު ބުންޏެވެ.

ހިރާނީ (ކ) އާ އެކީ މަހާވީރު.

"ދުންކީ" ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް އޮތަސް ރަސްމީކޮށް އަދި ވަކި ތާރީހެއް ނުނިންމަ އެވެ. މި ފިލްމުގެ ކާސްޓްގެ ތާޕްސީ ޕައްނޫ އާއި ބޮމަން އިރާނީ އާއި ވިކީ ކޯޝަލާއި ސަތިޝް ޝާހް ފަދަ ތަރިން ހިމެނެ އެވެ.

"ދުންކީ" އަކީ މި އަހަރު ރިލީޒްކުރަން އޮތް ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. ޖެނުއަރީގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ރަސްކަންކުރި "ޕަތާން" އަށް ފަހު، ރިލީޒްވާން އޮތް ޝާހްރުކްގެ ފިލްމަކީ ޖޫން އަށް ތާވަލުކޮށްފައި އޮތް "ޖަވާން" އެވެ.

ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ މިދިޔަ އަހަރުގެ "އާރްއާރްއާރް" ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ކާމިޔާބީ އަށް އިޝާރާތްކޮށް މަހާވީރު ބުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2018 ގެ "ޕަދުމާވަތު" އޮސްކާ އަށް ހުށަހަޅަން ފުރުސަތު ލިބުނު ނަމަ އެ ފިލްމަކީ ވެސް އިންޑިއާ ފަހުރުވެރިކޮށް ދިން ފިލްމަކަށްވީސް ކަމަށެވެ.

"އެއަށްކޮށްފައި ހުރި މަސައްކަތްތައް ވަރަށް ފުރިހަމަ. ފިލްމުގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލިޔަސް އިންޑިއާގެ ހުނަރުވެރިކަން ދައްކުވައިދޭ ފިލްމެއް ޕަދުމާވަތަކީ." ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޝާހިދު ކަޕޫރް މައިގަނޑު ރޯލުތައް ކުޅުނު ފިލްމާ ބެހޭ ގޮތުން އޭނަ ބުންޏެވެ.