Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ސަޕޯޓަރުން ގެއަށް ވަންނާނީ ޔާމީނާ އެކީ: އާދަމް ޝަރީފު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި މުޒާހަރާކުރާ ސަޕޯޓަރުން ގެއަށް ވަންނާނީ ޔާމީނާ އެކީގައި ކަމަށާއި މިއީ އުންމީދު ވެސް އާކުރަންވީ ވަގުތު ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަށް ޑިސެމްބަރުގެ ފަހުކޮޅު 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކީ، ޔާމީން މިނިވަންކުރަން ގޮވާލައި މުޒާހަރާކުރަން ނިކުތް މީހުންގެ ތެރެއިން މިހާތަނަށް 130 އަށް ވުރެ ގިނަ ސަޕޯޓަރުން ފުލުހުން ހައްޔަރުކުރި ކަމަށެވެ. އެކަމަކު ސަޕޯޓަރުން ތިބީ ހިތްވަރު އެލުވާނުލައި އެކަމުގައި ސާބިތުވެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވި އެވެ.

"ޕީޕީއެމްގެ ސަޕޯޓަރުން އުންމީދު އާކުރައްވާ. ރައީސް ޔާމީން މިނިވަން ކުރުމަށް މުޒާހަރާ ކުރާ މީހުން ގެއަށް ވާނީ ޔާމީނާ އެކީ،" އާދަމް ޝަރީފު ވިދާޅުވި އެވެ. "…ސަޕޯޓަރުން ތިބީ ޖެހިލުމެއް ނެތި ސާބިތުކަމާ އެކީ. ކުރިމަގު ފެންނަނީ އުޖާލާކޮށް."

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގައި އުޅުއްވަނިކޮށެވެ. އެއީ ވ. އާރަށުގެ މައްސަލާގައި ރިޝްވަތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ޔާމީންގެ ހުކުމް އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

އެހެންވެ އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށާއި އެއްބުރުން އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.