މެލޭޝިއާގެ ބަޓިކް އެއާއިން ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ބުނީ ރާއްޖެ އަށް ދަތުރުތައް ފަށާނީ އަންނަ މޭ މަހުގެ 12 ގައި ކަމަށެވެ. ބަޓިކް އެއާ އިން ރާއްޖެ އަށް ދަތުރުތައް ކުރާނީ ރާއްޖެ އަށް ކުރާ ދަތުރުމަތީގައި އަވައްޓެރި ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓްކުރާ ގޮތަށެވެ. މި ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން 737 މެކްސް އަށެއް މަރުކާގެ ބޯޓެވެ.
ލަޔަން އެއާ ގްރޫޕްގެ ދަށުން ހިންގާ ބަޓިކް އެއާގެ އޮޕަރޭޝަންތައް ފެށީ މީގެ ނުވަ އަހަރު ކުރިން 2013 ގަ އެވެ. މިހާރު 52 މަންޒިލަކަށް އުދުހޭ އެއާލައިންގެ ފްލީޓްގައި 73 ބޯޓް އޮވެ އެވެ.
މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ފަހުން ރާއްޖެ އަށް ދަތުރުތައް ކުރާ އެއާލައިންތައް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައި އޮތުމުން ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ވަރަށް މުހިއްމުވެ އެވެ.