Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ރާއްޖޭގެ އެންމެ ބައިބޯ ރަށަކީ ހިތަދޫ

ހިތަދޫ ފްލެޓްގައި އުޅޭ މީހުން މާހެފުމެއްގައި. ފޮޓޯ/ އައްޑޫ ޕޮލިސް

ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ދިރިއުޅޭ ރަށަކީ އައްޑޫ ހިތަދޫ ކަމަށް މިދިޔަ އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިތަދޫގައި ޖުމްލަ 13،745 މީހުން އުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއީ 11،070 ދިވެހީންނާއި 2،675 ބިދޭސީންނެވެ. ހިތަދު އަކީ ބިމުގެ ގޮތުން ވެސް އައްޑޫގެ އެންމެ ބޮޑު ރަށެވެ. ހިތަދޫގެ އިތުރުން ފޭދު އަކީ ވެސް ރާއްޖޭގެ ރަށްތަކުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ.

ރާއްޖޭގައި ދެވަނަ އަށް އެންމެ ބައިބޯ ގިނަ ރަށަކީ ހދ. ކުޅުދުއްފުއްޓެވެ. ސިޓީއެއްގެ ދަރަޖަ ދީފައިވާ އެ ރަށުގެ އާބާދީ އަކީ އެ 10،251 މީހުންނެވެ. އެއީ 9،265 ދިވެހީންނާއި 986 ބިދޭސީންނެވެ.

ދެން އެންމެ ގިނައިން މީހުން ދިރިއުޅޭ ރަށްތަކަކީ ޏ. ފުވައްމުލައް، ގދ. ތިނަދޫ، ޅ. ނައިފަރު، ލ. ގަން، ކ. މާފުށި، ހއ. ދިއްދޫ އަދި ރ. ދުވާފަރެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރާއްޖޭގެ 41 ޕަސެންޓް މީހުން ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ މަދުން މީހުން ދިރިއުޅެނީ ވ. ރަކީދޫގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 77 މީހުންނެވެ. އެއީ 63 ދިވެހީންނާއި 14 ބިދޭސީންނެވެ. ދެވަނަ އަށް އެންމެ މަދުން މީހުން ދިރިއުޅެނީ އދ. ދިއްދޫ ގައެވެ. އެ ރަށުގައި ދިރިއުޅެނީ 140 މީހުންނެވެ. އެއީ 111 ދިވެހީންނާއި 29 ބިދޭސީންނެވެ.

ދެން އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކަކީ، މ. ރަތްމަންދޫ، ލ. މުންޑޫ، ބ. ފެހެންދޫ، ވ. ތިނަދޫ، ހއ. ތަކަންދޫ، ހއ. މުޅަދޫ، ހދ. ހިރިމަރަދޫ އަދި މ. ވޭވަށެވެ. އެއިން ކޮންމެ ރަށެއްގެ އާބާދީ ވެސް 300 އަށް ވުރެ ދަށެވެ.