Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާއާ ހެދި ފުރުސަތެއް ގެއްލުނު

އޮޑިޝަން ހެދި ފިލްމަކުން ޕްރިޔަންކާ ޗޯޕްޅާއާ ހެދި ފުރުސަތެއް ގެއްލުނު ކަމަށް އަރަމުން ޒުވާން ބަތަލާ މުރްނާލް ތާކޫރް ބުނެފި އެވެ.

އަންނަ މަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "ގުމްރާހް" ގެ ޕްރޮމޯޝަންގެ ތެރެއިން އެންޓަޓައިންމަންޓް ނިއުސް އަށް ދިން އިންޓަވިއުއެއްގައި 30 އަހަރުގެ ބަތަލާ ބުނީ ޕްރިޔަންކާއާ ހެދި އޭނަ އަށް ގެއްލުނު ފިލްމަކީ 2016 ގެ "ޖޭ ގަންގާޖަލް" ކަމަށެވެ.

ޕްރިޔަންކާ ފުލުހެއްގެ ރޯލު ކުޅުނު އެ ފިލްމަކީ ޑައިރެކްޓަރު ޕްރަކާޝް ޖާ، އަޖޭ ދޭވްގަނާ އެކީ ގެނެސްދިން 2003 ގެ "ގަންގާޖަލް" ގެ ފޮލޯއަޕެކެވެ.

މުރްނާލް ބުނި ގޮތުގައި "ޖެއި ގަންގާޖަލް" އަށް އޮޑިޝަން ހެދުމަށް ފަހު، އެ ފިލްމު ކުޅެން ލިބޭނެ ވަރަށް ބޮޑަށް އުންމީދުކުރެވުނެވެ. އެކަމަކު ފަހުން އެނގުނީ ފިލްމަށް ޕްރިޔަންކާ ނެގިކަން ކަމަށް ބުންޏެވެ.

"އެ ފިލްމު އަހަރެން ބެލިން. ވަރަށް ކަމުދިޔަ ޕްރިޔަންކާގެ މަސައްކަތް." މުރްނާލް ބުންޏެވެ.

ކުރިން ޓީވީ ސިލްސިލާތަކުގައި މަސައްކަތްކުރި އުންމީދީ ބަތަލާގެ ފުރަތަމަ ހިންދީ ފިލްމަކީ 2018 ގެ "ލަވް ސޯނިއާ" އެވެ. އޭގެ ފަހުން މުރްނާލް ކުޅުނު ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަންގެ "ސުޕަ 30"، ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް"، ފަރުހާން އަޚްތަރުގެ "ތޫފާން"، ކާތިކް އާރިއަންގެ "ދަމާކާ" އަދި ޝާހިދު ކަޕޫރްގެ "ޖާޒީ" ހިމެނެ އެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން މުރްނާލް އަކީ އިންޑިއާގެ ދެކުނުގެ ފިލްމުތައް ވެސް ކުޅޭ ބަތަލާއެކެވެ. އެގޮތުން އޭނަގެ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "ސީތާ ރަމަން" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. މުރްނާލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޕިއްޕާ"، "އާނކް މިޗޯލީ" އަދި "ޕޫޖާ މޭރީ ޖާން" ހިމެނެ އެވެ.