މިދިޔަ އަހަރު ރިލީޒްކުރި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފިލްމު "ބުރައްމަސްތުރާ" ގެ ދެވަނައި ސިނަމާތަކަށް ގެންނާނީ 2026 ގައި ކަމަށް އެ ޓްރިލޮޖީގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފި އެވެ.
މި ފެންޓަސީ-އެކްޝަން އެޑްވެންޗާ ޓްރިލޮޖީ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އެއްޗެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި "ބުރައްމަސްތުރާ- ޕާޓް ވަން: ޝިވާ" އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑްގެ ފިލްމެކެވެ. ކްރިޓިކުންނާއި ބެލުންތެރިންގެ މަސްހުނި ފާޑުކިޔުންތަކެއް ލިބުނު ފިލްމުގެ ކުރިއަށް އޮތް ދެ ބަޔާ ބެހޭ ގޮތުން އަޔާން ބުނީ އޭނަ މިހާރު އަންނަނީ ދެ ބައިގެ ސްކްރިޕްޓް ފުރިހަމަކުރަމުން ކަމަށެވެ.
އެގޮތުން ފުރަތަަމަ ބަޔަށް އަމާޒުވި ފާޑުކިޔުންތަކަށް ރިއާޔަތްކޮށް، "ބުރައްމަސްތުރާ" ގެ ކުރިއަށް އޮތް ދެ ބައިގެ ވާހަކަ ފުރިހަމަކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. އަޔާން ބުނި ގޮތުގައި އޭނަ އަބަދު ވެސް ފާޑުކިތުންތައް ބަލައިގަންނަނީ ވަރަށް ޕޮޒިޓިވްކޮށެވެ.

"އެހެންވެ ފުރަތަމަ ބައިގެ ތަޖުރިބާއި އެއަށް ލިބުނު ފީޑްބެކްތަކަށް ދެން ވަރަށް ބޮޑަށް ރިއާޔަތްކޮށްގެން ކުރިއަށް އޮތް ދެ ބައި ލިޔަނީ." ޔެ ޖަވާނީ ހޭ ދިވާނީ އާއި ވޭކަޕް ސިދު ވެސް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
އަޔާން ބުނީ "ބުރައްމަސްތުރާ" ގެ ދެވަނައި 2026 ގެ މެދު ތެރޭގައި ރިލީޒްކުރަން ޕްލޭންކޮށްފައިވާ އިރު، ކުރިއަށް އޮތް ދެ ބައިގެ ޝޫޓިން ކުރިއަށް ގެންދާނީ އެކުކީގައި ކަމަށެވެ. "ބުރައްމަސްތުރާ" އަކީ މިހާރު ދެމަފިރިން ކަމަށްވާ ރަންބީރާއި އާލިއާގެ ލޯބި ފެށުނު ފިލްމު ވެސް މެ އެވެ. އަދި މިއީ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.
ރަންބޫރާއި އާލިއާގެ މިހާރު ދަރިއަކު ވެސް އެބައޮތެވެ.