އަހަރުވީ ދަރިފުޅާ އެކު ފުރަތަމަ ފަހަރަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މިއަދު އިންޑިއާ އަށް ގޮސްފި އެވެ.
ފިރިމީހާ ނިކް ޖޯނަސް ވެސް ބައިވެރިވާ މި ދަތުރަކީ އެ މީހުންނަށް ސަރޮގޭޓްކޮށްގެން ލިބުނު އަންހެން ދަރިފުޅު މާލްތީ މާރީ ޖޯނަސް ގޮވައިގެން އިންޑިއާ އަށް ކުރާ ފުރަތަމަ ދަތުރެވެ. ޕްރިޔަންކާ އާއިލާ މުމްބާއީގެ އެއާޕޯޓުން ނުކުތް އިރު، ފޮޓޯގްރާފަރުން ފޮޓޯ ނަގަން ތޮއްޖެހިފައި އޮތެވެ. އަދި އެ މީހުން ވަރަށް ހިނިވުންވެފައި ތިބެ މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނަގަން ފުރުސަތު ވެސް ދިނެވެ.
ޕްރިޔަންކާގެ އިންޑިއާގެ މި ދަތުރަކީ އަންނަ މަހުގެ 28 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ އޭނަގެ ސީރީޒް "ސިޓަޑެލް" އާއި މެއި މަހުގެ 12 ގައި ރިލީޒްކުރާ ފިލްމު "ލަވް އެގެއިން" ގެ ޕްރޮމޯޝަނަށް ކުރާ ދަތުރެކެވެ.
މީގެ އިތުރުން މި ދަތުރުގައި ޕްރިޔަންކާ ސޮއިކޮށްފައި އޮތް ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ" ގެ ޓީމާ ވެސް ބައްދަލުކުރާނެ އެވެ. އެ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު މިހާރު އަންނަނީ ފިލްމަށް ލޮކޭޝަން ހޯދަމުންނެވެ. މި ރޯޑް ޓްރިޕް ފިލްމުގެ ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.
ޕްރިޔަންކާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ކައިވެނިކުރީ 2018 ގައި އިންޑިއާގަ އެވެ.