މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ އޮފީހެއް އައްޑޫގައި ހުޅުވަން ނިންމައި އެކަމަށް ބޭނުންވާ އިމާރާތެއް ކުއްޔަށް ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.
އައްޑޫ ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް މެނޭޖްކުރަން ހަވާލުވެފައިވާ ކުންފުނިން ބުނީ 1،600 އަކަފޫޓަށް ވުރެ ކުޑަ ނޫން އިމާރާތެއް ބޭނުން ވަނީ އެއް އަހަރުގެ މުއްދަތަށް ކަމަށެވެ.
އެހެންވެ އިމާރާތެއް ކުއްޔަށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަން ޖެހެ އެވެ. މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ މި މެއިލް [email protected] މެދުވެރިކޮށް އެކަމެއް ސާފުކުރެވޭނެ އެވެ.
އެމްއެފްއެމްސީގެ އޮފީހެއް އައްޑޫގައި ހުޅުވަން ނިންމި އިރު، ހަންކެޑެ ތަރައްގީކުރަން އެ ކުންފުނިން ބުރާސްފަތި ދުވަހު ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކޮށްފަ އެވެ. ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.