Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"އާޝިގީ 3" އޮފާއެއް ނުކުރޭ: ސާރާ

ކުރީގެ ލޯބިވެރިޔާ ކާތިކް އާރިއަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "އާޝިގީ 3" ގެ ބަތަލާގެ ރޯލު ހުށަހަޅާފައި ނުވާ ކަމަށް ސާރާ އަލީ ޚާން ބުނެފި އެވެ.

މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ބަތަލާ އަކީ ސާރާ އެވެ. އެކަމަކު ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މިދިޔަ އަހަރުގެ ފަހުކޮޅު ބުނެފައި ވަނީ "އާޝިގީ 3" އިން އާ ބަތަލާ އަކު ތައާރަފުކުރާނެ ކަމަށެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އެ ފިލްމު އޭނަ އަށް މިހާތަނަށް އޮފާކޮށްފައި ނެތް ކަމަށެވެ. އެކަމަކު ފުރުސަތު ލިބިއްޖެ ނަމަ ކާތިކާ އެކީ "އާޝިގީ 3" ކުޅެން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ. މި ފިލްމު އިއުލާންކުރުމާ އެކީ ބަތަލާއަކަށް ސާރާ ނެގުމަށް ފޭނުންތަކެއް ސޯޝަލް މީޑިއާގައި ޑިމާންޑްކޮށްފައިވެ އެވެ.

ސާރާ އާއި ކާތިކް އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2020 ގެ "ލަވް އާޖް ކަލް" އެވެ. އެ ފިލްމުގެ މަސައްކަތްކުރި ދުވަސްވަރު ދެ މީހުން ރައްޓެހިވެ، ފަހުން ރުޅިވި ނަމަވެސް، އަލުން ދެ މީހުންގެ މެދުގައި އެކުވެރިކަން އުފެދިފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "އާޝިގީ 3" ގެ ޑައިރެކްޓަރު އަނޫރާގް ބާސޫ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދިނޯ" ގެ ކާސްޓްގައި ސާރާ ހިމެނޭ ކަމެވެ.

"އާޝިގީ 3" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާގެ އެންމެ ފަހުގެ ފިލްމަކީ އިއްޔެ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި މިސްޓްރީ ތުރިލާ "ގޭސްލައިޓް" އެވެ.