ޕްރައިވެސީ އަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އިޓަލީން ޗެޓްޕީޓީ މަނާކޮށްފި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތެރެއިން އުފަންކުރި ޗެޓްޖީޕީޓީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ވަކި ހިއްޕަމުން އަންނަ އިރު، އިޓަލީވެފައި ވަނީ އެ ޕްލެޓްފޯމް މަނާކުރި ހުޅަނގުގެ ފުރަތަމަ ގައުމަށެވެ، ޗެޓްޖީޕީޓީ އަކީ މައިކްރޯސޮޕްޓްގެ ފަހަތުގައި އޮތް ސްޓާޓަޕެއްކަމަށްވާ އޯޕަންއޭއައިގެ އުފެއްދުމެކެވެ. އެ ލޯންޗްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ބުނި ގޮތުގައި ޗެޓްޖީޕީޓީގައި "ޕްރަވެސީ ގަނޑުބަޑުކުރާ" އެތައް ކަމެއް އެބަހުއްޓެވެ. އެހެންވެ އިޓަލީގައި އެ މަނާކުރުމަށް ފަހު، އެއާ ގުޅޭ ތަހުގީގެ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ފަށައިފައިވާ އިރު، އިޓަލީގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރް) އަށް ޗެޓްޖީޕީޓީ އަށް ފެތޭތޯ މުރާޖާކުރަން ވަނީ ނިންމައިފަ އެވެ.
ޗެޓްޖީޕީޓީގެ މަގުބޫލުކަން ބޮޑުވަމުން އަންނަ އިރު، މައިކްރޮސޮފްޓުން ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި އޮފީސް ސޮފްޓްވެއާތައް ކަމަށްވާ ވޯޑާއި އެކްސެލް އާއި ޕަވަޕޮއިންޓް އަދި އައުޓްލުކް ފަދަ އެއްޗެގައި ވެސް ޗެޓްޖީޕީޓީ އެމްބެޑްކުރާނެ ކަމަށެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ބިންޖްއާ އޭތި ގުޅުވާފައިވެ އެވެ.
ޗެޓްޖީޕީޓީއާ ބެހޭ ގޮތުން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް، ގޯލްޑްމަން ސަކްސް އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އެއީ އިންސާނުންގެ އެތައް ކަމަކަށް، އެތައް ސިނާއަތަކަށް ހުރަސް އަޅާނެ އެއްޗެއް ކަމަށެވެ. އެގޮތުން އޭގެ ސަބަބުން 300 މިލިއަން ވަޒީފާ ވެސް ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށް ބުނެފައިވެ އެވެ.