ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކީ ހުންނަވާ ގޮތަށް ނިންމަވައިފި އެވެ.
ނަމަވެސް އޭނަ އަދި ޖޭޕީން ވަކިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް މީގެ ދެ ދުވަހެއް ކުރިން މައުސޫމް ވަނީ ޖޭޕީގެ ވަޓްސްއެޕް ގްރީޕަކުން ނުކުމެވަޑައިގަންގަ އެވެ. މައުސޫމަކީ މި ސަރުކާރުގައި ތިއްބެވި ޖޭޕީގެ އިސް ބޭފުޅުންގެ ތެރެއިން އެކެކެވެ. އަދި މީގެ ފަސްގަޑިއެއްހާ އިރު ކުރިން މައުސޫމް ވަނީ ފޭސްބުކްގައި ރައީސާ އެކީ ނަންގަވާފައިވާ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރައްވައިފަ އެވެ. އޭގައި އެއްވެސް އެއްޗެއް އޭނަ ވިދާޅުވެފައެއް ނުވެ އެވެ.
އެކަމަކު އެ ފޮޓޯގެ "މާނަ" އަކީ އޭނަ ހުންނެވީ ރައީސާ އެކީކަން ހާމަކޮށް ދެއްވުމެވެ.
އެ ޕާޓީން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދަން ނިންމައި، ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން، ރައީސަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ސަރިކާރުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ގޮވާލައިފަ އެވެ.
ޖޭޕީން އިންތިހާބަށް ނުކުންނަން ނިންމުމާ ގުޅިގެން އެ ޕާޓީގައި ތިބި ސަރާކާރުގެ ބައެއް ބޭފުޅުން ވަނީ ޕާޓީ ދޫކުރައްވައި، ރައީސަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.