މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރްއެމް އިން ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ނުލިބިއްޖެ ނަމަ އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ކްލަބްހައުސްގައި ކުރިއަށް ގެންދާ "މާއްދާ27" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ވިދާޅުވީ އެކި ފަރާތްތަކާ މަޝްވަރާ ކުރިޔަސް މުޅި ގައުމަށްޓަކައި އެމްއާރުއެމުން ގެންގުޅޭ ވިސްނުމާ އެއްގޮތް ވިސްނުމެއް ނެތް ނަމަ އެ ޕާޓީން އިންތިޚާބަށް ނުކުންނަން ތައްޔާރު ކަމަށެވެ.
މި ފަހުން ކޮންމެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް އޮންނަނީ އެ ޕާޓީގެ ނުފޫޒު ފުޅާކުރުމުގެ ވިސްނުން އެކަނި ކަމަށާއި ޕާޓީތަކުން ގައުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން ގެންގުޅެނީ ކޮން ވިސްނުމެއް، ކޮން ސިޔާސަތެއްތޯ މުޅިއަކުން ސާފެއް ވެސް ނުވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރާއްޖެ މި ކަންކަމުން އަރައިގަންނަން އެބަޖެހޭ،" އޭނަ ވިދާޅުވި އެވެ. "ކޮންމެ ފަހަރަކު ކޮންމެ ބަޔަކު ވެރިކަމަށް އައި ނަވެސް ނެތް ވަޒީފާތަކެއް އުފައްދާފައި ހަމައެކަނި މި ޕާޓީއަށް ސޮއި ކުރާ މީހުންނަށް އެކަންޏޭ ވަޒީފާ ލިބޭނީ މަގާމު ލިބޭނީ ފްލެޓް ލިބޭނީ ގޯތި ލިބޭނީ ލޯނު ލިބޭނީ ސަރުކާރުން ބޭނުންވާ ހުއްދަ ވެސް ލިބޭނީ ބުނާ ބުނުމަކީ އިންސާފެއް ނޫން."
ފާރިސް ވިދާޅުވި ގޮތުގައި އެ ނޫން ގޮތަކަށް ގައުމުގެ ކަންކަން ގެންދާނެކަން ޔަގީންވާ ބަޔަކާ އެކީ ނޫނީ އެމްއާރުމަށް މަސައްކަތެއް ނުކުރާނެ އެވެ. ހެންވެ، އެފަދަ ބަޔަކު ނެތް ނަމަ ދެން ޖެހޭނީ އެންމެ ކުރީ ސަފަށް ނުކުންނަވަން ކަމަށް ވިދާޅުވި އެވެ.
"އެ ފަދަ އެހެން ބައެއް ނެތް ކަމަށް ވާނަމަ ދެން ޖެހޭނީ މިކަންކަން ހިފައިގެން އަޅުގަނޑުމެން އެންމެ ކުރީ ސަފަށް ނުކުންނަން. ރައްޔިތުންނާ ހަމައަށް މި ކަންކަން ކޮންމެ ވެސް ބަޔަކު ގެންގޮސްދޭން އެބަޖެހޭ،" ފާރިސް ވިދާޅުވި އެވެ. "މި ކަމުގައި އެހެން ގޮތެއް ނެތިގެން މިސާލަކަށް އެމްއާރުއެމުން ވަކި ކެންޑިޑޭޓެއް ނެރެގެން ކުރިއަށް ގެންދާ ނަމަ އަޅުގަނޑުގެ ވިސްނުން ހުރެދާނެ އެގޮތަށް. އަޅުގަނޑު ވެސް މި ހުރީ އެކަން ކުރަން ތައްޔާރަށް."
އޭނާ ވިދާޅުވީ ކޮރަޕްޝަނާއި ޖިނާއީ އަދުލުގެ ނިޒާމާއި ޓެކްސޭޝަނާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި މަރާއި މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަން ހައްލުކުރަންޖެހޭ ކަމަށެވެ. އަދި މިހާރުގެ ޖީލުތަކަށް ވަޒީފާ އަދާކުރުމާއި ރަނގަޅު އާމްދަނީއެއް ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމުގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިތައް ވެސް ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން ޖެހޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
"މިހާރު މި ކުރާ މަސައްކަތަކީ މި ކަންކަން ހައްލުކުރުމަށް އެހެން ޕާޓީތަކުގެ ވިސްނުމަކީ ކޮބައިތޯ ބެލުން،" އޭނަ ވިދާޅުވި އެވެ. "އެހެން ވީމަ އެނޫން ގޮތަކަށް ގެންދާނެކަން ޔަގީންވާ ބަޔަކާއި އެކީގައި ނޫނީ އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭނެ."
އެމްއާރްއެމުން މިހާތަނަށް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތާއި އެމްޑީޕީއާ އެކީ މަޝްވަރާތަކެއްކޮށްފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީން ބުންޏެވެ.
ޖޭޕީން މިހާރު އޮތީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.