އައްޑޫގައި އެކަށީގެންވާ ވަރަށް ފުލުހުން ނެތް ކަމަށާއި އެކަމާ ރައްޔިތުން ކަންބޮޑުވާ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ތިބޭ ފުލުހުންގެ އަދަދު އިތުރުކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޑިމާންޑެއް ކަމަށެވެ. މަވޯޓާ ވިދާޅުވި ގޮތުގައި އައްޑޫ ކަހަލަ ބޮޑު ތަނަކަށް އެކަށީގެންވާ ވަރަށް ފުލުހުން ތިބުމަކީ ގާނޫނު ތަންފީޒު ކުރުމާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑު އުފާވަނީ ފުލުހުންގެ އަދަދު އިތުރުވާ ގޮތަށް ގެންނަ އިސްލާހަކަށް ވޯޓް ދެވުނީތީ." މަވޯޓާ ވިދާޅުވި އެވެ.
Addu doesn’t have enough police.The people of the city r demanding more police.What the people r demanding is more law enforcement,more effective policing n more community engagement. am happy that I have participated in the vote to amend Police Act that wud allow recruitment
— Ibrahim Shareef (@AdduShareef) April 1, 2023
އައްޑޫގައި އެކަށީގެންވާ ވަރަށް ފުލުހުން ނެތުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ވެސް އެންމެ ބޮޑު އެއް ޝަކުވާ އެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން އެކި ފަހަރު މަތިން ފުލުހުންނާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ވެސް ކުރެވިފައިވެ އެވެ.
އައްޑު އަކީ މިހާރު ތަމްރީނުކުރާ އިންސްޓިޓިއުޝަނެއް ވެސް ހުރި ތަނެކެވެ. އެގޮތުން މީގެ އަހަރެއް ކުރިން ހުޅުވި އައްޑޫ ޕޮލިސް ކޮލެޖްގައި މިހާރު ވެސް ފުލުހުން ތަމްރީނު ކުރުމުގެ އާ ބެޗެއް ކުރިއަށް އެބަދެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށްފައިވެ އެވެ. އެއީ ހިތަދު އާއި ގަމުގެ އިތުރުން ހުޅުމީދޫގަ އެވެ.