Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

"މާސްޓަ ޝެފް އިންޑިއާ 7" ނަޔަންޖޯތީ އަށް

ސޮނީ ޓީވީން ގެނެސްދިން "،މާސްޓަ ޝެފް އިންޑިއާ" ސީޒަން 7 ނަޔަންޖޯތީ ސައިކިއާ ކާމިޔާބުކޮށްފި އެވެ.

ރޭ ގެނެސްދިން ފިނާލޭ އެޕިސޯޑްގައި ޒުވާން ދަރިވަރު ޝޯގެ ޓްރޮފީ އުފުލައިލި އިރު، ދެވަނަ ގެންދިޔައީ ޝާންތާ ޝަރުމާ އެވެ. އަދި ތިން ވަނަ ލިބުނީ ސުވަރުނާ ބަގުލްއަށެވެ. ނަޔަންޖޯތީ އަށް އިނާމެއްގެ ގޮތުގައި 25 ލައްކަ ރުޕީސް ލިބުނެވެ.

"މާސްޓަ ޝެފް އިންޑިއާ 7" ކާމިޔާވުމާ ގުޅިގެން ނަޔަންޖޯތީ، 26، ބުނީ މިއީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި ޝޯ އިން ލިބުނު ފައިސާގެ އިނާމު ރައްކާކޮށް، އަމިއްލަ ރެސްޓޯރަންޓެއް ހުޅުވާނެ ކަމަށް ބުންޏެވެ. އުތުރު އިންޑިއާގެ އާސާމަށް ނިސްބަތްވާ ހުނަރުވެރި ކެއްކުންތެރިޔާ ބުނި ގޮތުގައި އެންމެ ބޮޑު އަމާޒަކީ އޭނަ ނިސްބަތްވާ ސަރަހައްދުގެ ކެއުންތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަަމެއް ހޯދައި އުތުރު އިންޑިއާގެ ކެއުންތައް މަޝްހޫރު ކުރުން ކަމަށެވެ.

"އަމިއްލަ ރެސްޓޯރަންޓެއް ހުޅުވައި އުތުރު އިންޑިއާގެ ކެއުންތަކަށް މުޅި އިންޑިއާގެ ލޯބި ޖެއްސުމަކީ ކުރަން އެންމެ ބޭނުންވާ ކަންތައް." ނަޔަންޖޯތީ ބުންޏެވެ.

"މާސްޓަ ޝެފް އިންޑިއާ 7 އަކީ ޖެނުއަރީ 2 އިން މާޗް 31 އަށް ގެނެސްދިން ޝޯއެކެވެ. މީގެ ޖަޖުންނަކީ ސެލެބްރިޓީ ޝެފުން ކަމަށްވާ ރަންބީރް ބްރާރް އާއި ވިކާސް ކަންނާގެ އިތުރުން ގަރީމާ އަރޯރާ އެވެ.