ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި އެ މިނިސްޓްރީގެ ގުދަނެއްގެ ތަޅު ހަލާކުކޮށްލައި ވަދެ އެތަނުގައި ހުރި މުދާތަކެއް މާލެ ސިޓީ ކައުންސިލުން ރޭ ދަންވަރު ގެންގޮސްފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ، ސިޓީ ކައުންސިލުން އެކަން ކުރަނިކޮށް ފޮޓޯ ނަންގަވައި އާންމުކުރައްވައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޔުނިފޯމުގައި ތިބި މުވައްޒަފުންތަކެއް، ސާމާނުތަކެއް ޕިކަޕަކަށް ބަރުކޮށްގެން ދާ ތަން ފެނެ އެވެ.
މަހުލޫފްގެ ޓްވީޓްގައި ކައުންސިލުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ޒިންމާ ވާން ޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީ.
މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ. pic.twitter.com/fJLLdB8Tzh
— Ahmed Mahloof (@AhmedMahloof) March 31, 2023
މާލެ ކައުންސިލުން ވަން ޔޫތު މިނިސްޓްރީ ގުދަނަކީ ޕްލޭނިން މިނިސްޓްރީން މީގެ ހަތަރު އަހަރު ކުރިން ޔޫތު މިނިސްޓްރީއަށް ދީފައިވާ ބިމެކެވެ. އެ ބިން މިނިސްޓްރީއާ ހަވާލުކުރީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އިންޑޯ ވޮލީ ކޯޓު ތަރައްގީކުރުމަށް ބޭނުންވާ ތަކެތި ރައްކާކުރުމަށެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ބުނީ ސިޓީ ކައުންސިލުން އެ މިނިސްޓްރީގެ ބޭފުޅަކަށް ގުޅައި އެތަން ހުސްކުރަން އެންގި ކަމަށެވެ. ނަމަވެސް އެއީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށާއި ހުއްދަ ނެތި ނުވަނުމަށް އަންގަވާފައި ވާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ގުދަނުގެ ތަޅު ހަލާކުކޮށްލައިގެން ވަނީ ރޭ 1:00 ޖަހަން އުޅެނިކޮށެވެ. އެތަނުގައި ހުރި ތަކެތީގެ ތެރޭގައި؛ ލައިޓާއި ސައުންޑު ފަދަ އަގުބޮޑު ސާމާނު ހިމެނެ އެވެ.
މި ޓުވީޓާއި ގުޅިގެން ދަންނަވަން. މާލެ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެެއްވެސް ކަމެެއް ނުކުރާނެ.އަދި އެކަން ހިނގައި ދިޔަ ގޮތް ބަލާ ތަފްސީލު ހާމަ ކުރާނެ ވާހަކަ ސަމާލުމަކަށްޓަކައި ދަންނަވަން. https://t.co/vxzgnVVy3P
— Male' City Council (@MaleCitymv) March 31, 2023
ގުދަނަށް ކައުންސިލުން ވަން މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ކައުންސިލުން ގާނޫނާއި ޤަވައިދާ ހިލާފަށް އެެއްވެސް ކަމެެއް ނުކުރާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބަލައި ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.