އިންޑިއާގެ ބަތަލާ އައިޝްވާރިއާ ރާއީ އަކީ އޭނަ ދާހާ ތަނަށް ދަރިފުޅު އަރާދިއާ ބައްޗަން ގެންދާ ބަތަލާއެކެވެ. ރޭ މުމްބާއީގައި ހުޅުވި ނީތާ މުކޭޝް އަމްބާނީގެ ކަލްޗްރަލް ސެންޓަރު ހުޅުވަން ބޭއްވި ކުލަގަދަ ހަފުލާގައި ވެސް އައިޝްވާރިއާ ބައިވެރިވީ ދަރިފުޅާ އެކީގަ އެވެ.
މިއޮތީ ރޭގެ އެ ހަފުލާގެ ތެރެއިން ދެމައިންގެ ލޯބި ފެންނަ ވީޑިއޯއެކެވެ. މި ވީޑިއޯ ފެންނަނީ ދެމައިން ވަރަށް ނަލަހެދިގެން ތިބި އިރު، ފޮޓޯގްރާފަރުންނަށް ޕޯސްކުރާ ތަނެވެ. މިހާރު އުމުރުން 11 އަހަރުގެ އާރަދިއާ އަކީ އައިޝްވާރި އާއި އެކްޓަރު އަބީޝެކް ބައްޗަންގެ ހަމައެކަނި ދަރިފުޅެވެ.
މިސް ވޯލްޑްގެ ތާޖު 1994 ގައި ހާސިލުކުރި އައިޝްވާރިއާ، 49، ގެ ކުރިއަށް އޮތް ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ޕޮނިޔިން ސެލްވަން (ޕީއެސް) 1 ގެ ދެވަނަ ބައެވެ. "ޕީއެސް 2" ސިނަމާތަކަށް ގެންނާނީ މި މަހުގެ 28 ގަ އެވެ.
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ނީތާގެ ނީތާ އަމްބާނީ ކަލްޗްރަލް ސެންޓަރު ހުޅުވަން ބޭއްވި ހަފުލާގައި މުޅި ބޮލީވުޑް އެއްކޮށްހެން ބައިވެރިވި އެވެ.