Last Updated: July 25, 11:51
Saturday, July 25, 2026
ޚަބަރު

އިންޑިއާ އިން ކާށި ގެނެސް ވިއްކަން ފަށައިފި

ބާޒާރުގައި ވިއްކަން ހުރި ކާށި - ފޮޓޯ: ޕީއެސްއެމް

އިންޑިއާ އިން ކާށި ގެނެސް ރާއްޖޭގެ ބާޒާރުގައި އެސްޓީއޯ އިން އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ކާށި ގެނެސްފައިވަނީ ރާއްޖޭގެ ބާޒާރުގައި މިހާރު ކާށީގެ އަގު އުފުލިފައިވާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ރޯދައިގެ ކުރިން ބާޒާރުގައި 5-10ރ. އަށް ލިބެން ހުރި ކާށީގެ އަގު މިހާރު 30ރ. އިން މައްޗަށް އަރައިފަ އެވެ. އެސްޓީއޯ އިން ރާއްޖެއަށް ކާށި ގެނެސްގެން ވިއްކަން ފެށީ ކިލޯއެއް 12ރ. ރޭޓުންނެވެ.

އެސްޓީއޯ އިން ވަނީ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކާ ލުނބޯ އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ. އަށެވެ.

މީގެއިތުރުން އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް ވެސް ވަނީ އިތުރަށް ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފަ އެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު ވަނީ 240ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފަ އެވެ.

ރީޓެއިލްކޮށް އެސްޓީއޯ އިން އަލުވި ކިލޯއެއް 11ރ. އަށް މިހާރު ވިއްކާއިރު ފިޔާ ކިލޯއެއް 9ރ. އަށް އަދި ބިހެއް ވިއްކަމުން އަންނަނީ 1.75ރ. އަށެވެ.