Last Updated: July 16, 09:47
Thursday, July 16, 2026
ކުޅިވަރު

ލިވަޕޫލް އަތުން ސިޓީ އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް އަތުން 4-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ސިޓީ ދެވަނައިގައި މިހާރު އޮތީ 28 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އާސެނަލް އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް މިރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް 8 ޕޮއިންޓުގެ ލީޑު އަލުން ދެމެހެއްޓޭނެ އެވެ.

މިއަދުގެ މެޗަށް ސިޓީން ނިކުތީ އެޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑާއި ނުލަ އެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ހާލަންޑް ކުޅެފައި ނުވާއިރު އޭނާގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒަށެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ނަގައިދިން އިރު މެޗުގެ 27 ވަނަ މިނެޓްގައި އަލްވަރޭޒް ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެވަނަ ހާފް މުޅިންހެން ގޮތަކަށް ޑޮމިނޭޓް ކުރީ ސިޓީންނެވެ.

އެގޮތުން ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކެވިން ޑި ބްރޭނާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި އިލްކާއި ގުންޑޮގާން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ.

މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިރުޝާދުގެ ދަށުން ލީގުގައި ސިޓީން އަމިއްލަ ދަނޑުގައި ހޯދި 100 ވަނަ މޮޅެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާ އެވެ. ލިވަޕޫލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.