ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއަށް 22 އަހަރު ފުރުމާއިއެކީ އެކުންފުނި ރީބްރޭންޑްކޮށް "އަރބަންކޯ" ގެ ނަމުގައި ކުންފުނީގެ ބްރޭންޑް ލޯންޗުކޮށްފިއެވެ.
އެކުންފުނީގެ ބްރޭނޑް އަރބަންކޯ ތައާރަފް ވުމާއެކު، އަރބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާއި އެކު އަރބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު އެކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.
އެކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙްކޮށްފައިވަނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އަހަރީ ދުވަހުގެ ޖަލްސާގައެވެ. މިލޯގޯގެއް އަސްލެއް ކަމަށް ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާ ދޭނެ ބައިވެރިޔާ ގޮތުގައި ކަމަށް އަރބަންކޯއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން، އަރބަންކޯ އެޕް ވެސް އެކުންފުނިން ވަނީ ލޯންޗުކޮށްފައެވެ. މިއީ މިހާރު ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށް އަރބަންކޯއިން މައުލޫމާތު ދެއެވެ.

މިޔާއެކު އެކުންފުނިވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު އަރބަން ޑިވެލޮޕްމެންޓް ކުންފުންޏަށެވެ. އަދި އެކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމަށް އެކުންފުނިން ބުނެއެވެ.
ހުޅުމާލެ ތަރައްޤީކުރުމުގެ ވިސްނުމުގައި 2001 ވަނަ އަހަރު ހުޅުމާލެ ޑެވެލޮޕްމެންޓް ޔުނިޓުގެ ގޮތުގައި ފެށި އެޗްޑީސީ މި ދައުރު ތެރޭގައި ވަނީ ހުޅުމާލެގެ މަސައްކަތުގެ އިތުރުން އެހެން މަސައްކަތްތައް ވެސް ފަށާފައެވެ. އެގޮތުން ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅަކީ އެކުންފުނީގެ ބެލުމުގެ ދަށުގައި ހުރި މަޝްރޫޢުތަކެކެވެ.
މި ސަރުކާރު ހަވާލުވުމަށް ފަހު 2019 ވަނަ އަހަރު ކުންފުނީގެ މެންޑޭޓް ވަނީ އިތުރަށް ފުޅާކުރުމަށް ނިންމާފައެވެ. މިގޮތުން ކުންފުނީގެ މެންޑޭޓުން އިޖްތިމާޢީ ބޯހިޔާވަހިކަން ވަނީ ނަގާފައެވެ. އަދި ކުންފުނީގެ ހުރި ތަޖުރިބާ އާއި ހުނަރުވެރި މުވައްޒަފުންގެ ފުރިހަމަ ބޭނުން ރާއްޖޭގެ ތަރައްޤީއަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކުންފުނީގެ މެންޑޭޓް ބަދަލު ގެނެސް ތިލަފުށި އަދި ގުޅީފަޅުގެ ޒިންމާތަކާއި މި ދެ ރަށް ތަރައްޤީ ކުރުމުގެ މަސްޢޫލިއަތާއި އެކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.

އަދި މިވީ 22 އަހަރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިޤްތިސާދީ މައި ސަރަހައްދު، ގްރޭޓާރ މާލޭ ރީޖަން ޕްލޭންތަކާއި އެއްގޮތަށް ރޭވުންތެރި، ޒަމާނީ ފެންވަރެއްގައި ތަރައްޤީ ކުރުމަށް އަރބަންކޯއާއި ހަވާލުވެގެން ދިޔަކަމަށް އެކުންފުނިން ބުނެއެވެ.