އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން 4-1 އިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި އެސްޓަންވިލާ އަތުން 2-0 އިން ޗެލްސީ ބަލިވެއްޖެ އެވެ.
މި މޮޅާއެކު 29 މެޗުން ލިބުނު 72 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 28 މެޗުން ލިބުނު 64 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު މިރޭ ބަލިވި ޗެލްސީ އޮތީ 38 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ބެން ވައިޓް އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 55 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖީސެސް އެވެ. އަދި އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ގްރޭނިޓް ޝަކާ ކާމިޔާބުކޮށްދިން އިރު މި މެޗުގައި ލީޑްސް އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރަސްމުސް ކްރިސްޓެންސަން އެވެ.
މިއީ ލީގުގައި އާސެނަލް ޖެހިޖެހިގެން ހޯދި 7 ވަނަ މޮޅެވެ. ލީގުގައި އާސެނަލް އަންނަ ހަފްތާގައި ބައްދަލުކުރާނީ ލިވަޕޫލްއާ އެވެ.
ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެސްޓަންވިލާގެ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލީ ވޮޓްކިންސް އެވެ. ޗެލްސީގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި މި ގޯލު ވޮޓްކިންސް ކާމިޔާބު ކުރީ ޗެލްސީގެ ކީޕަރު ބޯމަތިން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ މުޑްރިކަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އެސްޓަންވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.
އެސްޓަންވިލާގެ ދެވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޖޯން މެގިން އެވެ. މެގިން މި ގޯލު ކާމިޔާބު ކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ލީޑު އިތުރަށް ފުޅާކޮށްލަން ދެވަނަ ހާފްގައި އެސްޓަންވިލާ އަށް ފުރުސަތުތަކެއް ލިބުނު އިރު ގޯލްޖަހާނެ ފުރުސަތުތަކެއް ޗެލްސީ އަށް ވެސް މި ހާފުގައި ލިބި ބޭކާރުވެފައިވެ އެވެ.