Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު ހަންކެޑެ

ހަންކެޑެ މަޝްރޫއު މި ފަހަރު ހަގީގަތަކަށް ވާނެ

އައްޑޫސިޓީ ކައުންސިލާއި ސީއެންއީއީސީ އާއި އެކު ހަންކެޑެ ސައިޓަށް ޒިޔާރަތް ކުރަނީ / ފިޮޓޯ: އައްޑޫސިޓީ ކައުްނސިލް

ހަންކެޑެ މަޝްރޫޢު ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު މިމަޝްރޫޢު ހަގީގތަކަށް ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މި ޕްރޮޖެކްޓުގެ ކަންކަމާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލާއި، މަޝްރޫޢު ހަވާލުކޮށްފައިވާ ޗައިނާ ކުންފުންޏާއި އެމްއެފްއެމްސީ އަދި ބޭންކް އޮފް ޗައިނާގެ ބޭފުޅުން ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަށް ފަހު ކައުންސިލާއި އެކު މަޝްރޫޢު ހިންގަން ހަމަޖެހިފައިވާ ހަންކެޑެ ސަރަހައްދު ބެލުމަށް ވަނީ ގޮސްފަ އެވެ.

އައްޑޫސިޓީ ކައުންސިލާއި ސީއެންއީއީސީ އާއި އެކު ހަންކެޑެ ސައިޓަށް ޒިޔާރަތް ކުރަނީ / ފިޮޓޯ: އައްޑޫސިޓީ ކައުްނސިލް

ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން އައްޑޫސިޓީ ކައުންސިލް މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިމަސައްކަތަކީ ވަރަށް ތަރީހީ މަސައްކަތަކަށް ވެގެން ދާނެ ކަމަށެވެ. އެގޮތުން މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހަވާލު ކޮށްފައިވާއިރު، މަސައްކަތަށް ބޭނުންވާ ފައިސާގެ ކަންކަންވެސް ހަމަޖެހެމުން އަންނަތަން ފެންނަ ކަމަށާއި އެހެން ކަމުން މަޝްރޫޢު ހަޤީގަތަކަށް ވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އޮތް ކަމަށެވެ.

މީގެ އިތުރުން މަސައްކަތް 24 މަސް ތެރޭ ނިންމުމަށް ކަނޑައެޅިފައިވާއިރު، ހަންކެޑެ ވަކިކުރުމަށް އެފްކޮންސްއިން ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރުވެސް މިމަސައްކަތް އެކުއެކީގައި ކުރިއަށް ދާނެ ކަމަށެވެ.

" ސައިޓް މަސައްކަތް ފަށާނީ އެއާއި ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް ފަހު. ކުރިއަށް އޮތް 2 މަހެއްހާ ދުވަސް ތެރޭ ޑިޒައިން ފައިނަލްކޮށް އޭގެ ފަހުން މޮބަލައިޒް ވާނެ ކަމަށް މިބަލަނީ " ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުން ހަންކެޑެ ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށާއި، ކައުންސިލުން އެކަމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ބޭންކް އޮފް ޗައިނާގެ 142.9 މިލިއަން ޑޮލަރުގެ ލޯން އެހީގައި އައްޑޫ، ހަންކެޑެ ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި މިހަފްތާގައި ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އެލެކްޓްރިކް އިންޖިނިއަރިންގް ކޮމެންޕެނީ، ސީއެންއީއީސީ އާއި އެވެ.

އައްޑޫސިޓީ ކައުންސިލާއި ސީއެންއީއީސީ އާއި އެކު ހަންކެޑެ ސައިޓަށް ޒިޔާރަތް ކުރަނީ / ފިޮޓޯ: އައްޑޫސިޓީ ކައުްނސިލް

ސަރުކާރުން ހިންގާ މިމަޝްރޫޢުގެ ދަށުން ހަންކެޑެގައި 2082 އެނދު ތަރައްޤީ ކުރާނެކަމަށް އެމްއެފްއެމްސީއިން ހާމަކުރެއެވެ. މިމަޝްރުޢޫގެ ތެރެއިން 14 ހޮޓަލް ޤާއިމް ކުރާނެއެވެ. އެއީ 2 ގްރޭންޑް ހޮޓަލާއި، 2 ޑިލަކްސް ހޮޓަލް އަދި 10 ބުޓީކް ހޮޓަލެވެ. މީގެ އިތުރުން 17 ބީޗް ވިލާ ތަރައްޤީކުރާނެއެވެ. އަދި 64 ސާވިސްޑް އެޕާޓްމެންޓުގެ އިތުރުން ޝޮޕިންގް އޭރިއާތައް މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރާނެ އެވެ.

މީގެ ކުރިން ވެސް ހަންކެޑެގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ހަވާލުކުރި އެވެ. ސަރުކާރުން 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރި ޕްރޮޖެކްޓް ކުރިއަށް ނުގެންދާތާ 13 އަހަރުވީ ފަހުން ވަނީ އެއްބަސްވުން ބާތިލު ކުރި އެވެ.