Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

އާބަންކޯ އެޕް: ފްލެޓް ކުލި އެޕުން ދެއްކޭނެ

އަރބަންކޯ އެޕް

ވަގުތުން މައްސަލަ ރިޕޯޓްކޮށް ޝަކުވާ ހުށެހެޅޭ ގޮތަށް އާބަންކޯ އެޕް ތައާރަފްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑްވެ އާބަންކޯ އަށް ބަދަލުވުމާއި އެކު އެކުންފުނީގެ ޙިދުމަތްތައް ރައްޔިތުންނާ ހިސާބަށް ލުއިފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް މިވަނީ ތަޢަރަފްކޮށްފައެވެ. މި އެޕްގެ ތެރެއިން ވަގުތު މައްސަލަ ރިޕޯޓްކޮށް ޝަކުވާ ހުށަހެޅުމާއި، އެކުންފުނީގެ މަސައްކަތް ބަލާލުމާއި، ހުޅުމާލޭގައި ހިންގާ މުހިންމު ހަރަކާތްތައް ބަލާލެވޭނެ ކަމަށް އާބަންކޯ އިން މަޢުލޫމާތު ދެ އެވެ.

އަދި މީގެ އިތުރުން ފްލެޓް އަދި ބިމުގެ ކުލިވެސް އެޕް މެދުވެރިކޮށް ވަގުތުން ދައްކާ ބާކީ ދައްކަން ހުރި އަދަދުވެސް އެޕްގެ ޒަރީއްޔާއިން ބަލާލެވޭނެ ކަމާށް އެކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ވިޔަފާރި ބޭނުމަށް ދޫކުރާ ބިންތަކާއި އެހެނިހެން މަސައްކަތްތަކަށް އެޕް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ހަމައެކަނި ހުޅުމާލެއަށް ޚިދުމަތް ދެމުން އައިސް، ބިޔޯންޑް ހުޅުމާލޭގެ ފުޅާ ވިސްނުމަކާއި، އެކު މިހާރު މި ކުންފުނީގެ ދަށުން ކުޑަގިރި އަދި ތިލަފުއްޓާއި ގުޅީފަޅުގެ މަސައްކަތްތައް ވެސް ފެށި، މަޑުމަޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ކުންފުންޏަކަށް އާބަންކޯ މިހާރު ވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މިއާއެކު އެންމެ މުހިންމު އަދި ބޭނުންތެރި ކަމަކީ ކުންފުންޏާއި ރައްޔިތުންނާ މެދު އޮތް ގުޅުން ބަދަހި ވުން ކަމަށް އާބަންކޯއިން ފާހަގަ ކުރެއެވެ.

މިއާއެކު މި އެޕް ތަޢާރަފް ވުމާއެކު އެކުންފުނިން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނާއި ގުޅިގެން ޚިދުމަތްތައް ވީހާވެސް އާންމުންނަށް ފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އެކުންފުނިން ބުނެ އެވެ.

މިމަހުގެ 1 އެއްވަނަ ދުވަހު އުފެދުނުތާ 22 އަހަރު ވިއިރު އެކުންފުނިން ވަނީ އެކުންފުނީގެ މެންޑޭޓް ފުޅާކޮށް، ރާއްޖޭގެ އާބަން ޑެވެލޮޕްމެންޓް ދާއިރާގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ ކުންފުންޏަކަށް ބަދަލުވެފައެވެ. މިއާއެކު ކުންފުނީގެ އަމާޒަކީ ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުންފުނީގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުން ކަމަށް އާބަންކޯ އިން މަޢުލޫމާތު ދެ އެވެ.