ހުޅުމާލޭގެ ސޯޝަލް ހައުސިން މަޝްރޫޢު ތަކުގެ ތެރެއިން ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ކޮންމެ 3 މަހަކުން ޢުމްރާ ދަތުރެއް ލިބޭނެ ޕްރޮގްރާމެއް އާބަންކޯ އިން ތަޢާރަފްކޮށްފިއެވެ.
އެޗްޑީސީ ރީބްރޭންޑްކޮށް އަރބަންކޯއަށް ބަދަލުވެފައިވާއިރު، އެކުންފުނިން ވަނީ "ޕޭއި އެންޑް ވިން" ނަމުގައި ޢުމްރާ ދަތުރެއް ލިބޭ ޕްރޮގްރާމެއްވެސް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ބޯހިޔަވާހިކަމުގެ މަޝްރޫޢުގައި ޤަވާއިދުން ކުލި ދައްކާ ފަރާތްތަކުން ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރު ނަގާނީ ކޮންމެ 3 މަހަކުންނެވެ.
އާބަންކޯއިން ހުޅުވާލާ މި ފުރުސަތުގައި ޤަވާއިދުން ކުލި ދައްކާ އެއްވެސް އޯވާޑިއުއެއް ނެތް ފަރާތްތަކަށް ވަގުތުން ބައިވެރިވެވޭނެއެވެ. މީގެ އިތުރުން އެކި ސަބަބަތަކާއި ހުރެ ކުލި ނުދެއްކި އޯވާޑިއުވެފައިވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ މަގު އަރބަންކޯއިން ވަނީ ތަނަވަސްކޮށްދީފައެވެ.
ގަވާއިދުން ކުލި ދައްކަމުންދާ ބޭފުޅުންނަށް ހާއްސަކޮށް ހުޅުވާލެވޭ ލަކީ ޑްރޯ! ނަސީބުވެރި ދެފަރާތަކަށް އުމްރާ ދަތުރެއް ކާމިޔާބުކުރުމުގެ ފުރުސަތު! #Urbanco#UrbancoMv pic.twitter.com/Hw7ZsJNQUY
— Urbanco (@hdcmaldives) April 1, 2023
އެގޮތުން މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދާއިރު ހުރިހާ ފަރާތްތަކަށްވެސް ފަހި ފުރުސަތު އޮންނަންވާނެ ކަމަށް ކުންފުނިން ދެކޭތީ، އެގޮތަށް އޮވާޑިއު ވެފައިވާ ފަރާތްތައްވެސް ކުލި ދައްކަން ފަށަން އެ ކުންފުނިން އިލްތިމާސްކުރެއެވެ. އެގޮތުން އެފަރާތްތަކުގެ ތެރެއިންވެސް ޖެހިޖެހިގެން 6 މަސް ދުވަހު ޤަވާއިދުން ކުލި ދައްކާ ކަމުގަިއވާނަމަ ޕްރޮގްރާމުގެ ބައިވެރިވެވޭނެ ކަމަށް އަރބަންކޯއިން ބުނެއެވެ.
އެކުންފުނިން ހާމަކުރި ގޮތުގައި އާބަންކޯގެ މަގްސަދަކީ ވީހާ ވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުމެވެ. އަދި އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދެވިފައިވާ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.