މީގެ 29 އަހަރު ކުރިން ރިލީޒްކުރި ޓޮމް ހޭންކްސްގެ ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" ގެ ސީކްއެލްގެ ވާހަކަ އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ ޑައިރެކްޓަރު ރޮބަޓް ޒެމެކިސްގެ 1994 ގެ ކޮމެޑީ ޑްރާމާގެ ސީކްއެލް ހަދަން ނިންމާފައި ވަނީ ފުރަތަމަ ބައިގެ ވާހަކަ "ފޮރެސްޓް ގަމްޕް" ގެ ނަމުގައި ލިޔުނު ވިސްޓަމް ގްރޫމްޕްގެ ފޮލޯ-އަޕް ވާހަކަ "ގަމްޕް އެންޑް ކޯ" އަށް ބިނާކޮށް ކަމަށެވެ. އަދި އާ ފިލްމު ވެސް ޑައިރެކްޓްކުރާނީ ޒެމެކިސް ކަމަށާއި އެކަމަކު ސީކްއެލް އިން ހޭންކްސް ފެންނާނެތޯ ނޫންތޯ އަދި ކަށަވަރު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ހޭންކްސް، 66، މިހާތަނަށް ޒެމެކިސްއާ އާ ފަސް ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވެ އެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ފޮރެސްޓް ގަމްޕް" ގައި އޭނަ ކުޅުނީ ހާއްސަ އެހީ އަށް ބޭނުންވާ މީހެއްގެ ހަޔާތުގެ އެކި މަރުހަލާތަކާއި ހަޔާތުގައި ދިމާވާ އެތައްއެެތައް ކަމެއް ކަނޑައްތުކުރާ ހިތްވަރު ގަދަ މީހެއްގެ ރޯލެވެ.
"ފޮރެސްޓް ގަމްޕް" އަކީ ހަ އޮސްކާ އެވޯޑް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި ހޭންކްސް އުފުލާލި އެންމެ މޮޅު އެކްޓަރުގެ އެވޯޑާ އެކީ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ވީއެފްއެކްސް އަދި އެންމެ މޮޅު އެޑިޓން ހިމެނެ އެވެ.
މި ފިލްމުގެ ސީކްއެލްއެއް ހަދާ ވާހަކަ ފުރަތަމަ ދެކެވުނީ 2000 ވަނަ އަހަރު އެވެ. އެގޮތުން 2001 ގައި ފިލްމުގެ މަސައްކަތް ފަށަން ޕްލޭންކޮށްފައި އޮތްވައި އެކަން ހުއްޓާލަން ޖެހުނީ ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދިމާވި ކަންތައްތަކާ ހެދި ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ފޮރެސްޓް ގަމްޕް 2" ގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ ހޭންކްސްއާ އެކީ ޒެމެކިސް، 70، މިހާރު ހަދަމުން އަންނަ ފިލްމު "ހިއާ" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ހޭންކްސް މުހިއްމު ރޯލެއް ކުޅުނު މިދިޔަ އަހަރުގެ "ޕިނޯކިއޯ" އެވެ.