މި އަހަރުގެ ޖޫންގައި ބެލުންތެރިންނަށް ގެނެސްދޭން އަމާޒު ހިފާފައި އޮތް ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އަށް ބަތަލާ ދީޕިކާ ޕަދްކޯން ކުޅޭ ލަވައިގެ ޝޫޓިން މި މަހުގެ ދެވަނަ ދެވަނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުުޑް ހަންގާމާ އިން ބުނީ އެ ފިލްމުގެ ދެ ލަވައެއްގެ ޝޫޓިން މި މަހު ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި ޝާހްރުކާއި "ޖަވާން" ގެ ލީޑް ބަތަލާ ނަޔަންތަރާގެ ލަވައެއްގެ ޝޫޓިން ފަށާނެ އެވެ. އަދި އެ ލަވަ ނިންމައިލުމަށް ފަހު ދީޕިކާ ހިމެނޭ ލަވަ ޝޫޓްކޮށް، ދެ ލަވައިގެ ޝޫޓިން އެއްކޮށް މި މަހުގެ 15 އަށް ނިންމާނެ ކަމަށް ހަންގާމާ އިން ބުންޏެވެ.
ދީޕިކާ އަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ބަތަލާ އެވެ. ދެ ލަވަ ހިމެނުނު އެ ފިލްމުގެ ލަވަތައް ވެސް ވަރަށް މަޝްހޫރުވި އެވެ. އެއީ "ބޭޝަރަމް ރަންގް" އާއި "ޖޫމޭ ޖޯ ޕަތާން" އެވެ. މީގެ ކުރިން ވެސް ދީޕިކާ ވަނީ ޝާހްރުކްގެ ފިލްމަކަށް "އައިޓަމް ލަވައެއް" ކުޅެފަ އެވެ. އެއީ 2009 ގެ ފިލްމު "ބިއްލޫ" ގެ "ލަވް މެރަ ހިޓް ހިޓް" އެވެ.
ބައެއް އެހެން ފިލްމުތަކަށް ވެސް އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން "އައިޓަމް ލަވަ" ކުޅެފައިވެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި "ޕަތާން" ގައި ހިމެނޭ ދީޕިކާ އާއި ޝާހްރުކްގެ ހާއްސަ ލަވަ ވެސް ވާނީ ވަރަށް ކުލަގަދަ، ފޯރިގަދަ އަދި ދެ ތަރިންގެ ކެމިސްޓްރީގެ ޖާދޫ ވެސް ދައްކުވައިދޭނެ ވަރަށް ހިތްގައިމު ލަވައަކަށެވެ.
ތަމަޅަ ޑައިރެކްޓަރު އެޓްލީ، އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޖަވާން" ތާވަލުކޮށްފައި އޮތީ ޖޫން 2 އަށެވެ. މީގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ސަންޖޭ ދަތު، ޕްރިޔަމަނީ، ޔޯގީ ބާބީ، ރިދީ ޑޮގްރާ އަދި އާސްތާ އަގްރާލް ހިމެނެ އެވެ.