Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

ބުރުގާ ނާޅައި ތިބުމުން ބޮލަށް އަޅާލީ ޔޯގަޓް!

އިރާންގެ ދެ އަންހެނަކު ފިހާރައެއްގެ ތެރޭގައި ބުރުގާ ނާޅައި އުޅެނިކޮށް، އެ މީހުންގެ ބޮލަށް މީހަކު ޔޯގަޓް އަޅައިފި އެވެ.

އަންހެނުންގެ ބޮލަށް ޔޯގަޓް އެޅި ފިރިހެން މީހާގެ އިތުރުން، ދެ އަންހެނުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އިރާންގައި އަންހެނުން އާންމު ތަންތަނުގައި އުޅޭ ނަމަ ބުރުގާ ނާޅައި އުޅުމަކީ މަނާ ކަމެކެވެ.

އިއްޔެ ފިހާރައެއްގެ ތެރޭގައި ބުރާގާ ނާޅައި ތިބި ދެ އަންހެނެއްގެ ބޮލަށް ޔޯގަޓް އަޅާލި ވީޑިއޯ ވެސް ސޯޝަލް މިޑިއާގައި ދައުރުވެފައިވެ އެެވެ. އޭގައި އެކަން ކުރި މީހާ އެ މީހުންގެ ގާތަށް ހުއްޓިގެން ހުރެ، ފިހާރައިގެ ހަރުގަނޑަކުން ބޮޑު ޔޯގަޓް ތައްޓެއް ނަގައި އެ މީހުންގެ ބޮލަށް އޮއްސައިލާ ތަން ފެނެ އެވެ. އެކަން ހުއްޓުވަން ފިހާރައިގެ ސޭޓް އޭނަ ކޮއްޕާލައި ބޭރަށް ނެރޭ މަންޒަރު ވެސް ފެނެ އެވެ.

އެ ހާދިސާ ހިނގި އިރު، ކައިރީގައި އިތުރު ބަޔަކު ތިބެ އެވެ. އެކަމަކު އެ މީހުން ތިބީ ކުޅިބަލާށެވެ.

އިރާންގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ގައި މަހުސާ އަމީނީ ކިޔާ 22 އަހަރުގެ މީހަކު ބުރުގާ ނާޅައި ބޭރު ތެރޭގައި އުޅުނު މައްސަލައެއްގައި އޭނަ ހައްޔަރުކޮށްފައި ވަނިކޮށް މަރުވުމާ ގުޅިގެން މުޅި އިރާނުގައި މުޒާހަރާކުރަން ފަށާފައިވެ އެވެ. އެކަމާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރުކޮށް، ތަފާތު ދައުވާއެއް އުފުލާފައިވެ އެވެ. އަދި މުޒާހަރާތަކާ ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމް ވެސް ވެފައިވެ އެވެ.

މުޒާހަރާކޮށްގެން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް އިރާނުން މަރުގެ ހުކުމް ވެސް ތަންފީޒުކޮށްފައިވެ އެވެ.