Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ކައިޒީން އަށް ސެކިއުރިޓީއެއް ނުދެން: ޕޮލިސް

ރާއްޖޭގެ ސޯޝަލް މީޑިއާ ތަރި ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުގެ ތެރޭގައި އޭނަ އަށް ޕާސަނަލް ސެކިއުރިޓީ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެއްޖެއްގައި އެހެން ބުނީ އާންމުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. އެ މެސެޖްގައި ފުލުހުން ބުނީ ހަވާ އެރުވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ އާންމު އުސޫލު ކަމަށެވެ.

"ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ހަވާއެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފަވާތީ އާންމު އުސޫލުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް" ފުލުހުން ބުންޏެވެ.

ކައިޒީންގެ އުފަން ދުވަސް ފާހަގަކުރަން ވިޔަފާރި އުސޫލުން ހަވާ އަރުވައި ދިނީ އެމްއެމްޑީއެފެވެ.

އެ ހަރަކާތަށް ކައިޒީން އުސްފަސްގަނޑަށް ޕްރައިވެޓް ކާރެއްގައި ދިޔަ އިރު އާއި އޭނަ އުސްފަސްގަނޑު ސްޓޭޖަށް އެރި އިރު އާއި އެ ހަރަކާތަށް ފަހު އެނބުރި ދިޔަ އިރު ވެސް ފުލުހުން ސެކިއުރިޓީ ދެމުން ދިޔަ ތަން ފެނިފައިވެ އެވެ. އަދި އެފަދަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.