Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ސައުދީގެ "ފްލައިނަސް" ރާއްޖެ އަށް ޖޫންގައި

ސައުދީ އަރަބިއްޔާގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ "ފްލައިނަސް" ގެ ދަތުރުތައް ރާއްޖެ އަށް ފަށާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށް ބުނެފި އެވެ.

ކުރިން އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމީ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން ދަތުރުތައް ފަށާނީ ޖޫން ކަމަށާއި ހަފުތާ އަކު ތިން ދަތުރު ބާއްވާނެ ކަމަށް "ފްލައިނަސް" އިން ބުންޏެވެ. އެއީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުގަ އެވެ.

ޖޫން މަހަށް ދަތުރުތައް ފަސްކުރި ނަމަވެސް ދަތުރުތައް ފަށާނެ ސީދާ ތާރީހެއް އަދި "ފްލައިނަސް" އިން އިއުލާނެއް ނުކުރެ އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި އަލަށް ދަތުރުތައް ފަށަން ނިންމި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނި އިރު، މި ދަތުރުތައް ކުރާނީ ރިޔާދުގެ ކިންގް ޙާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު އެވެ.

ނެޝަނަލް އެއާ ސާވިސެސް (އެންއޭއެސް) އިން 2007 ގައި އޮޕަރޭޓްކުރަން މި އެއާލައިން އެންމެ ފުރަތަމަ ހިންގީ ނަސްއެއާގެ ނަމުގަ އެވެ. އަދި ފްލައިނަސް އަށް ނަން ބަދަލުކުރީ 2013 ގަ އެވެ. އެ އެއާލައިންގެ ފްލީޓްގައި 44 ބޯޓް އޮވެ އެވެ.

ރާއްޖެ އަށް މިހާރު ސައުދީން ދަތުރުކުރަނީ ގައުމީ އެއާލައިން ސައުދިއާއިންނެވެ.