ރާއްޖެ އަށް މިހާރުގެ 36 އެއާލައިނަކުން ދަތުރުތައް ބާއްވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރި މި އަހަރުގެ ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް އޮޕަރޭޓްކުރަމުން އަންނަ އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގެ އެއާލައިންތައް ހިމެނެ އެވެ. އޭގެ ތެރޭގައި އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގެ އެއާލައިންތައް ހިމެނެ އެވެ.

ކޮވިޑްގެ ފަހުން ރާއްޖެ އަށް ދަތުރުތައް ކުރާ އެއާލައިންތައް އިތުރުވަމުން އަންނަ އިރު، މި އަހަރު ވެސް އިތުރު އެއާލައިންތަކަކުން ދަތުރުތައް ފަށަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ފްލައިނަސް އާއި މެލޭޝިއާގެ ބަޓިކް އެއާލައިން ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 29 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 513،795 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖޭގެ ޓޮޕް 10 މާކެޓްގައި ހިމެނެނީ ރަޝިއާ، އިންޑިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަން، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑެވެ.