Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ޗައިނާގެ އެހީ ރާއްޖެ އަށް ބޮޑު: ފައިސަލް

ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއާމަން، ޑަން ބޮކިން މިއަދު ރައީސް އޮފީހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

އެ ބައްދަލުވުމުގައި ފައިސަލާއި ސީއައިޑީސީއޭގެ ވައިސް ޗެއާމަން ވަނީ ރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި ފާއިތުވެ ދިޔަ ތަނުގައި، ދެ ގައުމުގެ ގުޅުން ބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި ޢުމުރާނީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެނޫން ވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ވައިސް ޗެއާމަންގެ ބައްދަލުވުން ނިންމަވާލެއްވީ، ރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިޔަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.