Last Updated: July 16, 09:47
Thursday, July 16, 2026
ކުޅިވަރު

ރޯދަ އަށް ހުރެ ބެންޒެމާ ހެދި ހެޓްރިކުން ބޮޑު މޮޅެއް

ކަރީމް ބެންޒެމާ ރޯދަ އަށް ހުރެ ހެދި ހެޓްރިކާ އެކު، ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔޮޑޮލިޑް އަތުން 6-0 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ބޮޑު މޮޅެއް ހޯދި ނަމަވެސް ރެއާލް އޮތީ 59 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 71 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު ތިންވަނައިގައި 54 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ޒުވާން ފޯވަޑް ރޮޑްރީގޯ އެވެ. މެޗުގެ 29 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ބެންޒެމާ ކާމިޔާބުކޮށްދިން އިރު މެޗުގެ 32 ވަނަ މިނެޓާއި 36 ވަނަ މިނެޓުގައި އިތުރު ދެ ލަނޑު ޖަހައި، ބެންޒެމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެއާލްގެ ފަސްވަނަ ގޯލު މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ.

ލީގު ހޯދުމުގެ އުއްމީދު ރެއާލަށް ކުޑަވެފައިވާއިރު އަންނަ ބުދަ ދުވަހުގެރޭ ސްޕެނިޝް ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރެއާލް ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ބާސާ އިންނެވެ.