ޤައުމީ އެއާލައިން މޯލްޑިވިއަންއިން ގަނެފައިވާ 3 އޭޓީއާރުގެ ތެރެއިން މިހާތަނަށް ނުލިބި އޮތް ފަހު އޭޓީއާރު ރާއްޖެ ގެނެސް އެކުންފުނީގެ ފްލީޓާއި ގުޅިއްޖެއެވެ.
އެކުންފުނިން ގަތް 3 އޭޓީއާރުގެ ތެރެއިން 2 އޭޓީއާރު މީގެ ކުރީން ރާއްޖެ ގެނެސް ވަނީ އޮޕަރޭޝަނަށް ނެރެފައެވެ. މިއަދު 3 ވަނަ އޭޓީއާރު ރާއްޖެ އައިސްފައިވާއިރު، މިއީ އޭޓީއާރ 600-42 މަރުކާގެ ބޯޓެކެވެ. މިއީ 46 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށް މޯލްޑިވިއަންއިން މައުލޫމާތު ދެއެވެ. އަދި މި ބޯޓު އެތެރޭގެ އުދުހުންތަކުގައި މަހެއްހާ ދުވަހުގެ ތެރޭ ބޭނުން ކުރަން ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި ބޯޓު މިއަދުގެ މެނދުރު ފަހު އައިސްފައިވާއިރު، މި ބޯޓަށް ވެލާނާ އެއާޕޯޓުގައި ވޯޓާ ސެލިއުޓަކާއި އެކު ވަނީ މަރުހަބާ ކިޔާފައެވެ
Highlights – Arrival of our brand new ATR42-600 aircraft. #Maldivian #ATR pic.twitter.com/TaLGtK15ar
— MaldivianAero (@MaldivianAero) April 2, 2023
މޯލްޑިވިއަންގެ ދަތުރުތައް ކުރުމަށް އެކުންފުނިން 3 އޭޓީއާރު ގަނެފައިވާއިރު، އޭގެ ތެރެއިން އޭޓީއާރް 600-72 މަރުކާގެ 2 ބޯޓު ރާއްޖެ ގެނެސް އާންމު ދަތުރުތަކުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. މި ބޯޓު ތަކަކަކީ އެތެރޭގެ ޖާގަ ތަނަވަސް އަދި އެކުންފުނިން ކުރިން ގެންގުޅުނު ޑޭޝް ބޯޓުތަކަށް ވުރެ ގެންގުޅުމުގެ ޚަރަދު ކުޑަ ބޯޓުތަކެއް ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.
މޯލްޑިވިއަން ގަތް ހުރިހާ ބޯޓެއް އެކުންފުނީގެ ފްލީޓާ ގުޅިފައިވާއިރު ކުންފުނިން ދަނީ އެކުންފުނީގެ ފްލީޓް އޭޓީއާރު ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރިއަށް 2 އަހަރު ތެރޭ އިތުރު ފަސް އޭޓީއާރު ގެނައުމަކީ އަމާޒެއް ކަމަށް އެކުންފުނިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި މިއީ މި ދަތުރުތަކަށް އެންމެ ރަނގަޅު ބޯޓުތައް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.