Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

އަލިފާން ރޯވި ގޭގެ މީހުންނަށް ކައުންސިލުން އެހީވަނީ

އައްޑޫ ފޭދޫގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އެ ގޭގައި ވަކިން ހަދާފައި ހުރި އެޕާޓްމެންޓް ބައެއް މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އެއްކޮށް އަނދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، އެގޭގައި ދިރިއުޅުނު ފަރާތް ގެންގުޅުނު ހުރިހާ ސާމާނެއް ވަނީ އަނދާފައެވެ. އެގޮތުން ގޭގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އަދި އެފަރާތުން ގެންގުޅުނު ނަގުދު ފައިސާވެސް ގެއްލިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހަދިސާގައި ގެއްލުންވި ފަރާތަށް ސިޓީ ކައުންސިލާއި އަދި ކަމާއި ގުޅުން ހުރި މުޢައްސަސާތަކުން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. ނިޒާރު ވިދާޅުވި ގޮތުގައި ހާދިސާގައި އެ ފަރާތަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.

ފޭދޫ އަލިވިދާގޭގައި ރޯވި އަލިފާންގަނޑު ހިތަދޫ ފަޔަރ ސްޓޭޝަނުން ގޮސް ނިވާލާފައިވާއިރު، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނެތެވެ.