ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޗެލްސީގެ ކޯޗު ކަމުގެ މަގާމުގައި ހުރި ގްރެހަމް ޕޮޓާ އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޕޮޓާ މަގާމުން ވަކިކުރި އިރު ޗެލްސީ މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 11 ވަނައިގަ އެވެ. ޗެލްސީގެ ކޯޗުކަމާ ޕޮޓާ ހަވާލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕޮޓާ އަށް ފަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވުން ދެން އެންމެ ގާތީ ދާދިފަހުން ބަޔާންގެ ކޯޗުކަމުގެ މަގާމުން ވަކިކުރި ނާގަލްސްމަން އެވެ. ނާގަލްސްމަން މިވަގުތު ހުރީ ފުޓްބޯޅައާ ދުރުގައި ކަމަށްވާއިރު ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި މިވަގުތު ހުރި ކްރިސްޓޮފާ ވިވެލްއާއެކު މީގެކުރިން ނާގަލްސްމަން ވަނީ ރެޑްބުލް ލައިޕްޒިގްގައި މަސައްކަތްކޮށްފަ އެވެ.
ނާގަލްސްމަން ގެނައުމާ ގުޅޭ މަޝްވަރާތައް ޗެލްސީން ފަށާފައިވާއިރު ބަޔާނުން ނާގަލްސްމަން ވަކިކުރީ އެ ކްލަބުގެ ބޯޑާއި ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ.
ބަޔާނުން ނާގަލްސްމަން ވަކިކުރުމަށް ފަހު އެ ކްލަބުގެ ކޯޗަކަށް ގެނައީ ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ.
ޕޮޓާގެ ކޯޗުކަމުގައި ޗެލްސީން ކުޅުނު 31 މެޗުގައި އެޓީމަށް މޮޅުވެވުނީ އެންމެ 12 މެޗުންނެވެ. 11 މެޗުން ބަލިވިއިރު ޕްރިމިއާ ލީގުގައި ޗެލްސީ ގޮވައިގެން ޕޮޓާ ނުކުތް 22 މެޗުގެ ތެރެއިން މޮޅުވީ ހަތް މެޗުންނެވެ.