ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ހެރީ ޕޮޓާ" ސްޓައިލްގެ ފިލްމު ސީރީޒެއް ހަދަން ނިންމާފައިވާ ކަމަށް އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ޝޭކަރް ކަޕޫރް ބުނެފި އެވެ.
"މާސޫމް" އާއި "މިސްޓަ އިންޑިއާ" އަދި "ބަންޑިތު ކްއީން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ބޭނުން ވަނީ "ހެރީ ޕޮޓާ" ޖޯންރާ އަށް، އެކަމަކު އެ ސްޓައިލްގެ ވަރަށް އިންޑިއާވަންތަ އުފެއްދުމެއް ގެނެސްދޭން ކަމަށެވެ.
"އެކަމަކު ހެރީ ޕޮޓާއެއް ނޫން ހަދަން ބޭނުން ވަނީ. އެ ސްޓައިލަށް އަހަރެމެންގެ ސަގާފަތާ ގުޅޭ ފިލްމު ފްރެންޗައިޒެއް ހަދަން ބޭނުން ވަނީ،" ޝޭކަރް ބުންޏެވެ. "މިއަށް ބޭނުމެއް ނޫން ހުޅަނގުގެ އެއްވެސް ކުލަވަރެއް ގެންނާކަށް."
ޝޭކަރް، 77، އަކީ ހުޅަނގުގެ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި 1998 ގެ "އެލިޒަބަތު" އާއި އޭގެ ސީކްއެލް 2007 ގެ "އެލިޒަބަތު: ދަ ގޯލްޑެން އޭޖް" އާއި 2007 ގެ "ދަ ފޯ ފާދާސް" ހިމެނެ އެވެ.
ޝޭކަރްގެ އެންމެ ފަހުގެ ފިލްމަކީ ވެސް ހުޅަނގަށް ހާއްސަ އެއްޗެކެވެ. އެއީ އޭޝިއާ އާއި ހުޅަނގުގެ މަސްހުނި ކާސްޓަކާ އެކީ މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް؟" އެވެ.
"ހެރީ ޕޮޓާ" ސްޓައިލްގެ ފިލްމު ސީރީޒެއް ހަދާ ވާހަކަ ޝޭކަރް ބުނި ނަމަވެސް އެ ގެނެސްދޭ އިރެއް އޭނަ ނުބުނެ އެވެ. އެކަމަކު މިހާރު ވާހަކަ ޑިވެލޮޕްކުރަމުން އަންނަ ކަމަށް ބުންޏެވެ.
އަށް ބަޔަކަށް ގެނެސްދިން "ހެރީ ޕޮޓާ" އަކީ އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ ސީރީޒަކަށް ގެނެސްދިން އެއްޗެކެވެ.